


.jpg?w=3840&q=75)



-1781172054177.jpeg?w=3840&q=75)
-
ޗައިނާގެ ކުންމިންގ ގައި ކުލަގަދަކޮށް ކުރިއަށްދާ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު މެންދުރު ބޭއްވި މި ޝަރަފުވެރި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ޚާއްޞަ ތަޤުރީރެއް ކުރައްވާފައެވެ.
މިނިސްޓަރ އިރުތިޝާމްގެ ވާހަކަފުޅުގައި، ބައިނަލްއަގުވާމީ ސުލްޙަ އާއި ހަމަޖެހުން ޤާއިމްކުރުމުގައި ދޭދޭ މަޝްވަރާ އާއި ޑިޕްލޮމަސީގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ސަރަޙައްދީ ގުޅުންތައް ވަރުގަދަކޮށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ޒަމާންވީ ގުޅުން އައު އުސްމިންތަކަކަށް ހިނގައްޖެކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ޔުނާން ޕްރޮވިންސްއިން ރާއްޖެއަށް ބަހައްޓާ ގާތްކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތަށްފަހު، މިނިސްޓަރ އިރުތިޝާމް ވަނީ 10 ވަނަ ޗައިނާ–ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އެގްޒިބިޝަން ބައްލަވާލައްވާފައެވެ. އެގޮތުން، މި އަހަރުގެ އެކްސްޕޯގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ވިޔާފާރިވެރިންގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމަށް ކުރާ މަސައްކަތްތަކަށް އެކަމަނާ ހިތްވަރު ދެއްވިއެވެ. ރާއްޖެއިން އަބަދުވެސް ޗައިނާއާއެކު އޮންނަ އިޤްތިޞާދީ އަދި ސިޔާސީ ގުޅުން އެކި ދާއިރާތަކުން ފުޅާކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
މި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އިރުތިޝާމްގެ އަރިހުގައި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މިޒްނާ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.



.jpg?w=3840&q=75)


.jpeg?w=3840&q=75)
-1781172054177.jpeg?w=3840&q=75)