
ބޯންމައުތާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބޯންމައުތުން ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ޕެލަސް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި ތިން މެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބޯންމައުތުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑުހޯދާފައެވެ. އަދި މިލަނޑަކީ ޕެލަސްގެ ކޮލަމްބިއާ މިޑްފިލްޑަރު ޖެފަރސަން ލެރްމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ބޯންމަތުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އެލީ ޖޫނިއަރ ކްރޫޕީއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބޯންމައުތު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ބޯންމައުތުގެ ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ރަޔާން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބޯންމަތު ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 35 މެޗުން ބޯންމައުތަށް 52 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕެލަސް އިން ލީގުގައި ކުޅުނު 35 މެޗުން ހޯދި 43 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ.















.jpg?w=3840&q=75)
.jpg?w=3840&q=75)