
-
އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން ވަކި ހާއްސަ ހާލަތްތަކެއްގައި އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ނުލިބުމަކީ ރައްޔިތުންގެ ގިނަ ދުވަސްވީ ކަންބޮޑުވުންތައް އޮތް ކަމެއް ކަމަށެވެ. އަދި ވަކި ހާލަތްތަކެއްގައި އެމްބިއުލާންސް ހިދުމަތް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމީ، އެކަމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު، ފަންނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ހާލަތްތައް:
"ދެންމިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭ ގޮތުން ޓެކްނިކަލް ލެވެލްގައި އެކަމުގެ ފައިނޭންޝަލް ނުވަތަ ބަޖެޓަރީ އިމްޕްލިކޭޝަންސް ދެން މިހެން ގޮސް ހުރިހާ ކަމެއް، އޮަޕަރޭޝަނަލް އޭންގަލްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމި ނިންމުމެއް" - ރައީސް
އެމްބިއުލާންސް މައްސަލައަކީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިމާވެފައިވާ މައްސަލައެއް ކަމަށާއި، މިހާރު މިނިންމި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
















