






-
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައިނުގަތުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް ހަންނާން އަބޫބަކުރު، 17 އޮގަސްޓު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" އާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ބޭއްވި ޖަލްސާ (28-MMC/C8-2025) ގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ.
އިއްޔެ އޮތް މި ބައްދަލުވުމުގައި ބިލާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ކައުންސިލް މެންބަރުން ވަނީ ފާޅުކޮށްފައެވެ. މުޅި ކައުންސިލުގެ ރޫހުވެސް ހުރީ މި ބިލާ ދެކޮޅަށެވެ.
މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ބިލު މިހާރު ފަރުމާކޮށްފައިވަނީ، ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ޙައްގާއި އެއާ ގުޅިފައިވާ އެހެނިހެން ޙައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކަރާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ދާ ގޮތަށެވެ. އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގިނަ މާއްދާތައް ހިމެނިފައި ހުރިކަން ފާހަގަކުރެވެއެވެ.
އާ ބިލު ފަރުމާކޮށްފައި އޮތީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އާ ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ޙައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ޙައްގުތައް މަސްހުނިވެ، ޕްރިންޓް/އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ޙައްގުތަކަށް ހިޔަނި އެޅިފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ނޫސްވެރިކަމުގެ ދާއިރާއަށް އިންތިހާއަށް ބޮޑު ބަދަލުތަކެއް ގެންނަން ބިލުގައި ހުށަހަޅާފައިވާއިރު، ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި މި ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަމިއްލަ މެމްބަރަކު ހުށަހެޅި ކަމުގައި ވިޔަސް މިއީ ރިޢާޔަތް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް މި ކައުންސިލުން ދެކެމެވެ.
އެ ކަންބޮޑުވުންތަކުގެ މައްޗަށް ބިނާކޮށް ކައުންސިލުގެ 14 މެންބަރުން ބައިވެރިވަޑައިގެންނެވި، ކައުންސިލްގެ ޖަލްސާ (28-MMC/C8-2025) ގައި ބައެއް ނިންމުންތައް ނިންމާފައިވެއެވެ. އޭގެ ތެރޭގައި:
އެމްއެމްސީއިން ވަނީ ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ޤާއިމުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދައިރާއެއްގައި ނެގެހެއްޓުމަށް މި ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރާކަން ފާހަގަކުރައްވައި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށްވެސް ދޭން ތައްޔާރަށް އޮތްކަން ހާމަކޮށްފައި އެވެ.


