
3E2681BA-040E-4651-BD80-4322A9F5339F
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު، ގއ. ދާންދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި ދާންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލް މެންބަރުން ފާހަގަކުރެއްވެވި ކަންކަމުގެ ތެރޭގައި، ދާންދޫގައި ކުރިން ހިއްކާފައިވާ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފެށުމަށާ، ނަރުދަމާ ޤާއިމްކުރުމަށް ބޭނުންވާކަމަށާއި، ކައިރީގައި އޮތް ވޮޑުމުލާ ރިސޯޓްތަރައްޤީކުރުން އަވަސްކޮށްދިނުމަށާއި، އަލަށް ހިއްކި ސަރަހައްދުގައި މޫދަށް އެރޭނެ ވަކި ސަރަހައްދެއް ކަނޑައަޅައި އެތަން ތަރައްޤީކުރުން ހިމެނެއެވެ. އދި މީގެއިތުރުން ދާންދޫ ކައުންސިލުން ވަނީ މިސަރުކާރުން ދާންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދާކަން ފާހަގަކުރައްވައި ޝުކުރުދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާންދޫގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދާންދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ގއ. ގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ގުޅުންހުރި

ދާންދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާކޮށްފި

ރައީސް ގއ. ދާންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައިފި

ދާންދޫގައި ބިދޭސީން ކުރާ މަސައްކަތަށް އުޖޫރަ ދޭނެގޮތުގެ އުސޫލެއް ކައުންސިލުން ކަނޑައަޅައިފި
