


.jpg?w=3840&q=75)




--
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ގއ. ދާންދޫ ކައުންސިލުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ގއ. ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް އާއި ކައުންސިލްގެ އިތުރު މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބައްދަލުވުން ކުރިއަށްގެންދިޔައީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް، ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން އަދި އިމިގްރޭޝަންގެ އިސް އޮފިޝަލުންނާއެކުއެވެ.
މި ބައްދަލުވުމުގައި ގއ އަތޮޅަށާއި ދާންދޫއަށް ދިމާވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަތޮޅުތަކުގެ ކައުންސިލް ތަކުން އެއްބާރުލުން ލިބޭކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ އަތޮޅުތަކަށް ފުޅާ ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދެ ރަށެއްގައި ވަނީ މިއޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.



.jpg?w=3840&q=75)