
Covid Vaccine
ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ދެ ބާވަތެއް ކަމަށްވާ މޮޑާނާ އަދި ފައިޒާ ވެކްސިނުން އަންހެނުންނަށް މައްސަރު ދުވަސްވަރު މައްސަލަތައް ދިމާވާ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭ)ގެ ތަޖުރިބާކާރުން ހާމަކޮށްފައިވާ ގޮތުގައި، މޮޑާނާ އަދި ފައިޒާ ވެކްސިންގެ ޑޯޒްތައް ޖަހާފައިވާ އަންހެނުންނަށް މައްސަރު ދުވަސްވަރު އެކިކަހަލަ މައްސަލަތައް ދިމާވަމުންދާކަން ދިރާސާތަކުން ހާމަވެފައިވާ ކަމަށެވެ. އެގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި މައްސަރު ދުވަސްވަރު އާދަޔާ ޚިލާފަަށް ގިނައިން ލޭ ފޭބުން ހިމެނޭ ކަމަށެވެ.
އެ މައްސަލަ ދިމާވަމުންދާ އަންހެނުންގެ ތެރޭގައި ފައިޒާ އާއި މޮޑާނާގެ ފުރަތަމަ، ދެ ވަނަ އަދި ބޫސްޓާ ދެ ޑޯޒު ޖެހި މީހުންވެސް ހިމެނެ އެވެ. އެ އެޖެންސީން ބުނީ އެ މައްސަލަތައް ދިމާވަނީ އެ ދެ ވެކްސިނުން ކަމަށް ނިންމަން ޖެހުނީ ވެކްސިން ދޭން ފެށި ފަހުން ޑޮކްޓަރަށް ދެއްކި މީހުންނަށް ދިމާވަމުންދާ މައިގަނޑު މައްސަލައަކީ އެއީ ކަމަށްވާތީ ކަމަށާއި އެ އެންމެންވެސް ޖަހާފައިވަނީ އެ ދެ ވެކްސިނަށް ވާތީ އެވެ.
އެހެން ނަމަވެސް މިފަދަ މީހުންނަށް މައްސަރު ދުވަސްވަރު ގިނައިން ލޭފޭބުމުން ދަރިމައިނުވުމާއި ބަނޑުގައި ކުއްޖާ އަށަގަތުމުގައި މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ދިރާސާ ކުރަމުންދާ ފްރާންސް ނެޝަނަލް މެޑިސިން ސޭފްޓީ އެޖެންސީ (އޭއެންއެސްއެމް) އިން ވަނީ ދިރާސާގެ ބައެއް ބައިވެރިންނަށް ދިމާވަމުންދާ މައްސަލަތައް ހާމަކޮށްފައި އެވެ. އެއް އަންހެނަކު ބުނެފައިވާ ގޮތުގައި ކޯވިޑް ވެކްސިން ޖެހިފަހުން ހަ މަސް ވަންދެން މައްސަރުވުމުން އާދަޔާ ހިލާފަށް ގިނައިން ލޭ ފައިބަމުންދާ ކަމަށެވެ.
އެހެން މީހަކު ބުނީ ވެކްސިން ޖެހިފަހުން ކޮންމެ މަހަކު މައްސަރު ދުވަސްވަރު ގިނަ އަދަދަކަށް ލޭ ފައިބާ ކަމަށާއި އެކަމަށް ނިމުމެއް ނާންނަ ކަމަށެވެ. އިތުރު މީހަކު ބުނީ އެގޮތަށް ގިނައިން ލޭ ފައިބާއިރު އާދަޔާ ހިލާފު ތަދެއްވެސް އަރާ ކަމަށެވެ.