ސީރިޔާގެ އުތުރުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮލެރާގެ މަލިމަޑުކަން މަޑުޖެހުމުގެ އެއްވެސް ނިޝާނެއްް ފެންނަން ނެތް ކަމަށާއި، މިހާތަނަށް މިބައްްޔަށް 13،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 69 މީހަކު ބަލީގައި މަރުވެފައިވާ ކަމަށް ސިއްހީ ވުޒާރާތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ސީރިޔާގައި މިދިޔަ މަހުން ފެށިގެން ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލި ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ، ފެން ތަޣައްްޔަރުވުމާއި، ފެނުގެ ދަތިކަންް ބޮޑުވުމެވެ. މިބަލި މިހާރު ސީރިޔާގެ އެކި ސަރަހައްދުތަކަށް ފެތުރެމުންދާ ކަމަށްވެސް ސިއްހީ ވުޒާރާތަކުން ބުނެއެވެ.
މިކަމާއި ގުޅިގެން އދ އިން ބުނެފައިވަނީ، މި ބަލި ފެތުރެމުންދަނީ ތަޣައްޔަރުވެފައިވާ ފެންް ބޭނުންކޮށްގެން ދަނޑުބިންތަކަށް ފެންދިނުމާއި، ސޫރިޔާގެ އުތުރާއި އިރުމައްޗަށް ފެތުރިފައި އޮންނަ ޔޫޕްރެޓިސް ކޯރުން ތަޣައްޔަރުވެފައިވާ ފެން ބުއިމުގެ ސަބަބުން ކަމަށެވެ.
މި ބަލި ބޮޑަށް ފެތުރިފައިވަނީ، ކުރުދީންގެ ބާރުގެ ދަށުގައިވާ ސޫރިޔާގެ އުތުރާއި ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ކަމަށް މެޑިކަލް އޮފިޝަލުން ވިދާޅުވެއެވެ.
ސީރިއާގެ 14.6 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ އިރު، އޭގެ ތެރެއިން 6.9 މިލިއަން މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެމްއެސްއެފް އިން ބުނެއެވެ.







