ހާލުގައި ޖެހުނު ޕާކިސްތާނު މީހުންނަށް ނަޑެއްލާއިން ދީލަތި އެހީ
އަލްފާ އަލީ
10/8/2022, 6:02:00 PM
Screenshot 2022-10-08 at 18.01.07
ނަޑެއްލާ ކައިރިން ބޯޓެއް ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 18:21 ހާއިރު އެވެ. ފަރަށް އެރި އިރު ބޯޓުގައި 10 ފަޅުވެރިން ތިއްބެވެ. އެއީ ޕާކިސްތާނަށް ނިސްބަތްވާ ބައެކެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ ބެޓަރި ހަލާކުވެ، އޮޔާދަނިކޮށެވެ. އަދި އެމީހުން ކަނޑުމަތީގައި އުޅޭތާ 40 ވަރަކަށް ދުވަސްވެފައިވާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މި ކަމާ ގުޅޭ ގޮތުން ގދ. ނަޑެއްލާ ކައުންސިލްގެ ނައިބް ރައީސް، ފައިސަލް ނަޖީބު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަވަށްޓެރި ޕާކިސްތާނުގެ އަޅުގަނޑުމެން ފަދަ މުސްލިމް އަޚުން ޙާލުގަ ޖެހުނު ވަގުތު އެރަށުގެ ޒުވާނުންގެ ފަރާާތުން ފެނިގެން ދިޔައީ އިންސާނިއްޔަތު ކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ.
"ޙާލުގަޖެހިފަތިބި މީހުންނަށް ވެދެވެން އޮތް ހުރިހާ އެހީތެެރިކަމަކާއި އެއްބާރުލުން ވަގުތުންދެމުންދިޔައީ ހެނދުނުސަޔާއި މެންދުރުގެ ކެއުން ދިނުމުގަ އަންހެންކަނބަލުން ހިތްވަރާއި ޖޯޝާއިއެކީގަ ދިޔައީ ބުރަމަސައްކަތްކުރަމުން" ފައިސަލް ވިދާޅުވިއެވެ.
އެ ހާދިސާ ތަފްސީލްކޮށްދެއްވަމުން އޭނާ ވިދާޅުވީ ބޯޓު ފަރަށް އެރީ އިއްޔެ ނޫން ކަމަށާއި، އެ ބޯޓު ފަރަށް އެރީ މިއަދު ހެނދުނު 7:35 ހާއިރު ކަމަށެވެ. އަދި ފަރަށް އަރަން ދިމާވި ސަބަބަކީ ބޯޓުގެ ވާގަނޑު ކަނޑައިގެން ދިއުން ކަމަށާއި، ބޯޓު އަރާފައިވަނީ ފުއްޓަރު ފަރާތު ގެ ފަރަށް ކަމަށް އޭނާ ބުނެފައިވެއެވެ.
"ބޯޓް ފުއްޓަރުފަރާތު ފަރައްއަރާ ބޯޓްގެ ފޫ ވަނީގޮސްފަ. ބޯޓްގަ ތިބިމީހުން ސަލާމަތްކޮށްގެ ނަޑެއްލާއަށް ގެނައީ ރަށުގެ ޒުވާނުންގެ މިންނެތް ބުރަމަސައްކަތުން ހެނދުނު 9:20 ގައި" ފައިސަލް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވެފައިވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނަށް އެރަށަށް އާދެވުނީ މިއަދު ހެދުނު 10:09 ގައި ކަމަށެވެ. އޭގެ ކުރިން ހާލުގައި ޖެހުނު މީހުންގެ ކަންތައްތައް ބަލަހައްޓާފައިވަނީ އެރަށު ރައްޔިތުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.