ނަޑެއްލާ ހިމެނޭހެން 4 ރަށެެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި
އަހުމަދު ޝުރާއު
3/28/2024, 9:57:49 AM
ސްޕޯޓްސް މިނިސްޓްރީ
ބ.ކިހާދޫ، މ.މުލި، މ.ވޭވަށް އަދި ގދ.ނަޑެއްލާ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޮޑުތިލަ އިންވެސްޓްމަންޓާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
4 ރަށުގެ ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި 4 ރަށުގެ ތެރެއިން މ.މުލި، މ.ވޭވަށް އަދި ގދ.ނަޑެއްލާ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ނިޔާޒް އެވެ. ބ.ކިހާދޫ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިސްމާއިލް ރަޢޫފް އެވެ. ބޮޑުތިލަ އިންވެސްޓްމަންޓްގެ ފަރާތުން މި 4 ރަށުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ އާމިނަތު ޝަކީލާއެވެ.
މި އެއްބަސްވުމުގެ ދަށުން މި 4 ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ބޮޑުތިލަ އިންވެސްޓްމަންޓްއާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،609،431.36 މިލިއަން ރުފިޔާ (ކޮންމެ ދަނޑަކަށް) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓްއެކެވެ.