ނަޑެއްލާގައި އައު ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން މިމަހު އިއުލާނުކުރަނީ
އަހުމަދު ޝުރާއު
1/7/2025, 9:08:36 AM
--
މިހިންގާ ޖެނުއަރީ މަހުގެ ތެރޭގައި ގދ ނަޑެއްލާގައި އައު ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރަކު ހޯދަން އިއުލާނުކުރާނެ ކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުންގެންދާވަ ރަސްމީ ދަތުރުފުޅުގައި ނަޑެއްލާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ރައީސް ނަޑެއްލާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު ވަނީ އެރަށަށް ދިމާވެފައިވާ ދަތިތަށް ވަރަށް ތަފްސީލީ ގޮތެއްގައި ރައީސްއާއި ހިއްސާކުރައްވާފައި އެވެ. އެގޮތުން އަންޝާއު ވާހަކަފުޅުގައި ވިދާޅުވީ އެރަށުގައި މިހާރު އޮތް ބަނދަރުގެ ސަބަބުން އެރަށަށް އަރާ ފައިބާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ވަކީން ޚާއްސަކޮށް ބަނދަރު ކުޑަވުމުގެ ސަބަބުން އުޅަނދުތަކަށް ބަދަރު ބޭނުންކުރުމަށް ގިނަ ވަގުތު ތަކެއް ހޭދަކުރަން ޖެހޭ ކަމަށާއި ބޮޑު ބޯޓެއް ބަނދަރުގައި އޮންނަ ދުވަސްތަކުގައި އެހެނިހެން އުޅަނދުތަކަށް ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަށް އަންޝާއު ވަނީ ވަރަށް ތަފްސީލްކޮށް ރައީސްއާއި ހިއްސާކުރައްވާފައި އެވެ.
އަންޝާއުގެ ވާހަކަފުޅަށްފަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގެ ބަނދަރަކީ އެރަށަށް އަންނަމުންދާ ތަރައްޤީއަށް ބަލާއިރު ބޭނުންކުރެވޭ ވަރަށް ވުރެ ކުޑަ ބަނދަރެއް ކަމަށާއި އެހެން ކަމުން މިމަހުގެ ތެރޭގައި ނަޑެއްލާ ރައްޔިތުން ބޭނުންވާ ކަހަލަ އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން އިއުލާނުކުރާނެ ކަމަށެވެ.
އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން އެރަށުގައި އެންމެ ބޮޑު އިސްކަމެއްދޭނީ އައު ބަނދަރު މަޝްރޫއަކާއި އެކު ރަށްގިރުމުގެ މައްސަަލައަށްވެސް އެކަށީގެންވާ ހައްލެއް ގެނައުމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު އެރަށުގައި ބޭނުންކުރަމުންދާ މިސްކިތަކީ 20 އަހަރު ދުވަސްވީ މިސްކިތެއް ކަމަށާއި ރަށުގެ އާބާދީ ބޮޑުވަމުން ދިޔުމާއި އެކު މިސްކިތުގެ ޖާގައިގެ މައްސަލައަށްވެސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މިއަހަރުގެ ތެރޭގައި އެރަށުގައި އައު މިސްކިތެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަން ރައީސް ހާމަކުރެއްވި އެވެ.