
--
ގދ ނަޑެއްލާގައި އަލަށް ތަރައްޤީކުރަން ނިންމާފައިވާ އައު ބަނދަރުގެ މަޝްރޫއުއަށް ކޮންޓްރެކްޓަރަކު ހޯދުމަށް ބީލަމަށް ފުރުސަތު ހުޅުވާލާފައި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިއަދު ހެނދުނު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 އާ ހަމައަށް ކަމަށާއި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 10 އާ ހަމައަށް ކަމަށް ގެޒެޓުކުރި އިއުލާނުގައި ބުނެފައި އެވެ. ރަޖިސްޓްރޭޝަނަށް 1،500ރ. ދައްކަން ޖެހެ އެވެ.
މީގެ އިތުރުން ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 455,000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު އެރަށަށް ކުރެއްަވި ޒިޔާރާތުގައި އެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު ވަނީ އެރަށަށް ދިމާވެފައިވާ ދަތިތަށް ވަރަށް ތަފްސީލީ ގޮތެއްގައި ރައީސްއާއި ހިއްސާކުރައްވާފައި އެވެ. އެގޮތުން އަންޝާއު ވާހަކަފުޅުގައި ވިދާޅުވީ އެރަށުގައި މިހާރު އޮތް ބަނދަރުގެ ސަބަބުން އެރަށަށް އަރާ ފައިބާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ވަކީން ޚާއްސަކޮށް ބަނދަރު ކުޑަވުމުގެ ސަބަބުން އުޅަނދުތަކަށް ބަދަރު ބޭނުންކުރުމަށް ގިނަ ވަގުތު ތަކެއް ހޭދަކުރަން ޖެހޭ ކަމަށާއި ބޮޑު ބޯޓެއް ބަނދަރުގައި އޮންނަ ދުވަސްތަކުގައި އެހެނިހެން އުޅަނދުތަކަށް ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަށް އަންޝާއު ވަނީ ވަރަށް ތަފްސީލްކޮށް ރައީސްއާއި ހިއްސާކުރައްވާފައި އެވެ.
އަންޝާއުގެ ވާހަކަފުޅަށްފަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގެ ބަނދަރަކީ އެރަށަށް އަންނަމުންދާ ތަރައްޤީއަށް ބަލާއިރު ބޭނުންކުރެވޭ ވަރަށް ވުރެ ކުޑަ ބަނދަރެއް ކަމަށާއި އެހެން ކަމުން މިމަހުގެ ތެރޭގައި ނަޑެއްލާ ރައްޔިތުން ބޭނުންވާ ކަހަލަ އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯދަން އިއުލާނުކުރާނެ ކަމަށެވެ.
އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން އެރަށުގައި އެންމެ ބޮޑު އިސްކަމެއްދޭނީ އައު ބަނދަރު މަޝްރޫއަކާއި އެކު ރަށްގިރުމުގެ މައްސަަލައަށްވެސް އެކަށީގެންވާ ހައްލެއް ގެނައުމަށް ކަމަށެވެ.