
alamgiri
އެއްޖިންސުން ގުޅުން ހިންގައި އެމަންޒަރު ރެކޯޑް ކުރި ކަމަށް އިއުތިރާފްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ކަމަށްވާ އެމްޑީ އަލަމްގީރަށް ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.

އަލަމްގީރުގެ މައްޗަށް އޮރިޔާން ހެދުމުގެ 40 ދައުވާއެއް ވަނީ އުފުލާފައެވެ. އޭނާ ވަނީ އެ ދައުވާތަކަށް ޝަރީއަތުގެ އަޑުއެހުމުގައި އިއުތިރާފްވެފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވުނު އަޑުއެހުމުގައި އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. އަދި މި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.
އަލަމްގީރުގެ މައްޗަށް 40 ދައުވާއެއް އުފުލާފައިވާއިރު، އެއްޖިއްސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާއެއް ސާބިތުވެ އޭނާ އަންނަނީ ހަތް މަހުގެ ޖަލު ހުކުމެއްވެސް ތަންފީޒުކުރަމުންނެވެ. . އެއީ އޭނާ، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާާން ރަފީއުއާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ތިން ދައުވާ އެވެ.
އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ރަފީއު އެއް އަހަރަށް ޖަލަށް އަދި ނާޒިމް ތިން މަހަށް ގޭބަންދު ކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ އެ މީހުން އިއުތިރާފުވުމުންނެވެ. ނަޝީދުގެ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާގައެވެ.