
ހިޔަލަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
# ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022_AMN6248
ގދ ތިނަދޫގައި ކުރިޔަށްގެންދިޔަ ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ގދ ތިނަދޫގައި ކުރިއަށްގެންދިޔަ ހުވަދުއަތޮޅުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެކްސްޕޯ ކާމިޔާބުކަމާއެކު މިރޭ ނިންމާލާފައިވާއިރު، އެކްސްޕޯއަށް 3000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.
ތިނަދޫގެ އިތުރުން އަތޮޅުގެ އެކި ރަށްރަށުގެ މީހުންވެސް ވަނީ ތިނަދޫއަށް ވަޑައިގެން އެކްސްޕޯއަށް ޒިޔާރަތްކޮށްފައެވެ. އަދި ޚާއްސަކޮށް ތިނަދޫއާއި އެންމެ ކައިރީގައި އޮންނަ އަމާރީ ރިސޯޓުގެ ފަތުރުވެރިންވެސް ވަނީ މިއަދު މި އެކްސްޕޯއަށް ޒިޔާރާތްކޮށްފައެވެ.
އެކްސްޕޯ ނިންމާލުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށާއި، އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިކަން ވެދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރުއަދާކޮށް ބައިވެރިވުމުގެ ސެޓިފިކެޓް ހަވާލުކޮށްފައެވެ.
މި އެކްސްޕޯގައި ބައިވެރިވި ބައެއް ބައިވެރިން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް ބޭއްވުނު އެންމެ އިންތިޒާމު ރަނގަޅު އެއް އެކްސްޕޯއެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރި ގިނަ ޕްރޮޑަކްޓްތަކެއްވެސް ވިކިފައިވާކަން ބައިވެރިން ފާހަގަކުރެއެވެ.
އެކްސްޕޯގައި ހިމެނޭ ސްޓޯލްތަށް:
ފަރެސްމާތޮޑާ ޑަބްލިއުޑީސީ
ފިޔޯރީ ޑަބްލިއުޑީސީ
ރަތަފަންޑޫ ޑަބްލިއުޑީސީ
ވާދޫ ޑަބްލިއުޑީސީ
ހޯނޑެއްދޫ ޑަބްލިއުޑީސީ
ގައްދޫ ޑަބްލިއުޑީސީ
ނަޑެއްލާ ޑަބްލިއުޑީސީ
ކާޓިޔާ
އާޓްވޯކްސް ބައި އަޝްރާފް
އެގްރޯނެޓް
އޭބީއެސް ފަންނުވެށި
ކަވިކަވި / އާޓްސީ
މި އެކްސްޕޯގައި 189 ބައިވެރިންގެ މަސައްކަތްތަށް ވަނީ ދައްކާލާފައެވެ. ގދ މަޑަވެލި ފިޔަވާ ގދ އަތޮޅުގެ ހުރިހާ ރަށަކުން ވަނީ މިއެކްސްޕޯގައި ބައިވެރިވެފައެވެ.
ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތަށްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެކްސްޕޯގައި ބައިވެރިންގެ ޕްރޮޑަކްޓުތަށް އާންމުންނަށް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.
މި އެކްސްޕޯއާއި އެކު އެކްސްޕޯގައި ޑިސްޕްލޭކުރެވޭ އުފެއްދުންތަކުގެ ތެރެއިން ލޯކަލީ މާކެޓު ކުރެވެން ހުރި ޕްރޮޑެކްޓުތަށް ރަނގަޅު ފެންވަރެއްގައި ޕެކޭޖް ކުރެވިގެން ރާއްޖޭގެ ބާޒާރަށް ނެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ދެނެގަނެވިގެންދާނެ އެވެ. އަދި މި މައުރަޒުން ހޮވޭ އެންމެ ރަނގަޅު ދެ ޕްރޮޑެކްޓު ބައިނަލަޤްވާމީ އެކްސްޕޯއެއްގައި ޑިސްޕްލޭ ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަން ވެސް ބިޒްނަސް ސެންޓަރުން ބުނެއެވެ.
އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުންނާއި އެންޖީއޯތަކުން ޚާއްސަ އިންފޯރމޭޝަން ސެޝަން ތަކެއްވެސް ދަނީ ކުރިޔަށް ގެންދަމުންނެވެ.
މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުތަކަށް ފަޑިޔާރުކަން ކުރުމަށް ޚާއްސަ ފަޑިޔާރުންގެ ޓީމެއް ވަނީ އެކުލަވާލައިފައެވެ.
އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަ ތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް ( ލިބުނު އާމްދަނީއަށް ބަލާފައި ) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާޓް އެންޑް ކްރާފްޓް ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑެކްޓް ހިމެނެއެވެ.
މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގދ އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ގޭސް އާއި ފެނަކަ އަދި އެގްރޯނެޓެވެ. އެސޯސިއޭޓް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫ ކައުންސިލާއި ވެލިގާ ހާޑްވެއާ އާއި އެފްއެސްއެމް އާއި ގދ އޭއީސީ އާއި އަޔާޑާ އާއި އަމާރީެގ އިތުރުން ރަފެލްސް މެރަދޫއެވެ. މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް އިބްނަމީ ހަމަޖައްސާފައިވާ އިރު ޕްރިންޓިންގ ޕާޓްނަރަކީ ނޯވާ ޓެކް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އިތުރު ސްޕޮންސަރުންނަކީ ޑީއެމްއެން އާއި އަސްރަފީ އާއި ތިނަދޫ ރެސިޑެންސްގެ އިތުރުން ސްވިފްޓް އެވެ.
ގުޅުންހުރި

އަންހެނަކަށްވީތީ ބައެއް ކަންތައް ނުކުރެވޭނެ ކަމަށް ބުނެވުނު ޒަމާން މާޒީވެއްޖެ - ސައީދު

ފެނަކަ އެމްޑީ އަކީ މި އަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމީ ވަރަށް ބޮޑު ނަސީބެއް - ފައިހަތު

ހިޔަލަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
