
ފެނަކަ އެމްޑީ އަކީ މި އަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމީ ވަރަށް ބޮޑު ނަސީބެއް - ފައިހަތު
# ޙަސަން ފައިހަތު ޤުދުރަތުالله# ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022_AMN9245
ފެނަކަ އެމްޑީ އަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމީ ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމުގައި ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިޙަތު ޤުދުރަތުﷲ ވިދާޅުވެއްޖެއެވެ.

އަތޮޅު ކައުންސިލް ރައީސް ފައިހަތު މިހެން ވިދާޅުވީ، ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ގދ ތިނަދޫ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ހުވަދު އަތޮޅާއި، ހާއްސަކޮށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ގދ އަތޮޅުގެ އިޖުތިމާޢީ ކަންތައްތަކަށް އެހީވުމުގައި ހާއްސަ އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް ފައިހަތު ވަނީ ފެނަކަ އެމްޑީ ސައީދުއަށް އަތޮޅުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ޝުކުރުއަދާކުރައްވާފައެވެ.
ފައިހަތު އިތުރަށް ވިދާޅުވީ، ތިނަދޫ ޑަބްލިއުޑީސީން އިސްނަންގަވައިގެން މުޅި ހުވަދު އަތޮޅަށް އަމާޒުކޮށްގެން ހުވަދު އަތޮޅުގެ ރައްޔިތުން އިގްތިސާދީގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށްޓަކައި ބޭއްވި އެކްސްޕޯއަކީ ވަރަށް މުހިންމު އަދި އަތޮޅުގެ ހުނަރުވެރި ވިޔަފާރިވެރިންނަށް އެމީހުންގެ ހުނަރު އިސްތިހާރު ކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
މި އެކްސްޕޯގައި ގދ އަތޮޅުގެ ރަށްތަކުގެ ތެރެއިން މަޑަވެލި ފިޔަވާ ހުރިހާ ރަށަކުން މަސައްކަތްތެރިންގެ މަސައްކަތްތަށް ވަނީ ދައްކާލަފައެވެ. އެގޮތުން މި މައުރަޒުގައި ބައެއް ރަށްތަކުން ބައިވެރިވެފައިވަނީ އެރަށްރަށުގެ ޑަބްލިއުޑީީސީތަކާއި ގުޅިގެންނެވެ.
އެކްސްޕޯގައި ހިމެނޭ ސްޓޯލްތަށް:
ފަރެސްމާތޮޑާ ޑަބްލިއުޑީސީ
ފިޔޯރީ ޑަބްލިއުޑީސީ
ރަތަފަންޑޫ ޑަބްލިއުޑީސީ
ވާދޫ ޑަބްލިއުޑީސީ
ހޯނޑެއްދޫ ޑަބްލިއުޑީސީ
ގައްދޫ ޑަބްލިއުޑީސީ
ނަޑެއްލާ ޑަބްލިއުޑީސީ
ކާޓިޔާ
އާޓްވޯކްސް ބައި އަޝްރާފް
އެގްރޯނެޓް
އޭބީއެސް ފަންނުވެށި
ކަވިކަވި / އާޓްސީ
މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގދ އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ގޭސް އާއި ފެނަކަ އަދި އެގްރޯނެޓެވެ. އެސޯސިއޭޓް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫ ކައުންސިލާއި ވެލިގާ ހާޑްވެއާ އާއި އެފްއެސްއެމް އާއި ގދ އޭއީސީ އާއި އަޔާޑާ އާއި އަމާރީެގ އިތުރުން ރަފެލްސް މެރަދޫއެވެ. މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް އިބްނަމީ ހަމަޖައްސާފައިވާ އިރު ޕްރިންޓިންގ ޕާޓްނަރަކީ ނޯވާ ޓެކް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އިތުރު ސްޕޮންސަރުންނަކީ ޑީއެމްއެން އާއި އަސްރަފީ އާއި ތިނަދޫ ރެސިޑެންސްގެ އިތުރުން ސްވިފްޓް އެވެ.
ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތަށްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެކްސްޕޯގައި ބައިވެރިންގެ ޕްރޮޑަކްޓުތަށް އާންމުންނަށް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.
މި އެކްސްޕޯއާއި އެކު އެކްސްޕޯގައި ޑިސްޕްލޭކުރެވޭ އުފެއްދުންތަކުގެ ތެރެއިން ލޯކަލީ މާކެޓު ކުރެވެން ހުރި ޕްރޮޑެކްޓުތަށް ރަނގަޅު ފެންވަރެއްގައި ޕެކޭޖް ކުރެވިގެން ރާއްޖޭގެ ބާޒާރަށް ނެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ދެނެގަނެވިގެންދާނެ އެވެ. އަދި މި މައުރަޒުން ހޮވޭ އެންމެ ރަނގަޅު ދެ ޕްރޮޑެކްޓު ބައިނަލަޤްވާމީ އެކްސްޕޯއެއްގައި ޑިސްޕްލޭ ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަން ވެސް ބިޒްނަސް ސެންޓަރުން ބުނެއެވެ.
އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުންނާއި އެންޖީއޯތަކުން ޚާއްސަ އިންފޯރމޭޝަން ސެޝަން ތަކެއްވެސް ދަނީ ކުރިޔަށް ގެންދަމުންނެވެ.
މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުތަކަށް ފަޑިޔާރުކަން ކުރުމަށް ޚާއްސަ ފަޑިޔާރުންގެ ޓީމެއް ވަނީ އެކުލަވާލައިފައެވެ.
އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަ ތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް ( ލިބުނު އާމްދަނީއަށް ބަލާފައި ) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާޓް އެންޑް ކްރާފްޓް ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓް ހިމެނެއެވެ.
ގުޅުންހުރި

އަންހެނަކަށްވީތީ ބައެއް ކަންތައް ނުކުރެވޭނެ ކަމަށް ބުނެވުނު ޒަމާން މާޒީވެއްޖެ - ސައީދު

ފެނަކަ އެމްޑީ އަކީ މި އަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމީ ވަރަށް ބޮޑު ނަސީބެއް - ފައިހަތު

ހިޔަލަ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފި
