
އަތޮޅު ކައުންސިލުން މަސައްކަތްކުރަނީ އެންމެނާއި ގުޅިގެން އަތޮޅުގެ ކުރިއެރުމަށް - ފައިހަތު
# ގދ އަތޮޅު ކައުންސިލް# ޙަސަން ފައިހަތު ޤުދުރަތުالله-
ގދ އަތޮޅު ކައުންސިލުން މަސައްކަތްކުރަނީ އަތޮޅުގެ ކުރިއެރުމަށް އެންމެނާއި ގުޅިގެން މަސައްކަތް ކުރުމަށްކަމަށް އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله ވިދާޅުވެއްޖެ އެވެ.

ފައިހަތު މިފަދައިން ވިދާޅުވީ އަތޮޅު ކައުންސިލުން އިސްނަގައިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެކައުންސިލްގެ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފައިނަލްގެ މެޗަށް ފަހު ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ފައިހަތު ވިދާޅުވީ އަތޮޅު ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެންމެނާއި ގުޅިގެން އަތޮޅަށް ކުރިއެރުން ހޯދުމަށް ކަމަށާއި މިއަދު ނިމިގެންދާ މުބާރާތުންވެސް އެކަން ސާބިތުވެގެންގޮސްފައިވާ ކަމަށެވެ. ކައުންސިލްގެ މުވައްޒަފުންނާއި މުޅި ގދ އަތޮޅުގެ ހުރިހާ މުވައްސަސާއެއް ކަހަލަ ގޮތަކަށް މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިންކަން ފާހަގަކުރައްވައި ފައިހަތު ވިދާޅުވީ މުބާރާތް ކާމިޔާބު މުބާރާތަކަށް ގޮސްގެންގޮސްފައިވަނީ އެސަބަބާއި ހެދި ކަމަށެވެ.
ފައިހަތު ވިދާޅުވީ އަތޮޅު ކައުންސިލުން ކަންކަން ކުރަމުންދަނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައި ކަމަށާއި އަތޮޅު ފެންވަރުގައި މިފަދަ މުބާރާތްތައް ބޭއްވުމަކީ އަތޮޅުގެ ހުނަވެރި ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ. އަދި އެހުނަރުތައް ވަރަށް ފުރިހަމައަށް މުބާރާތުގައި ފެނިގެން ދިޔަކަން ފައިހަތު ފާހަގަކުރެއްވި އެވެ.
މުބާރާތުގެ މަގްސަދަކީ އަހްލާގު ރަނގަޅު ޖީލެއް ބިނާކުރުންކަން ފާހަގަކުރައްވައި ފައިހަތު ވިދާޅުވީ މުބާރާތުން ފެނިގެންދިޔަ ހުރިހާ ޓީމެއްގެ ފަރާތުންވެސް ފެނުނީ ވަރަށް އަހުލާގު ރަނގަޅު ކުޅުންތެރިންނާއި އޮފިޝަލުން ކަމަށެވެ. އަދި އެއީވެސް މިފަދަ މުބާރާތެއް ކާމިޔާބުކަމާއިއެކު ނިންމާލެވިގެންދާއިރު ވަރަށް ހިތްހަމަޖެހޭ ކަމެއްކަމަށް ފައިހަތު ވިދާޅުވިއެވެ.
ފައިހަތުގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ މުބާރާތް ފުރިހަމަކަމާއިއެކު ކުރިޔަށްގެންދިޔުމަށް މުބާރާތުގެ އިންތިޒާމުތަކުގައި ހަރަކާތްތެރިވި ފަރާތްތަކަށާއި އަތޮޅުގެ ކައުންސިލްތަކަށާއި ޓީމުތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައި އެވެ.
26 ޖުލައި 2025 އިން 05 އޮގަސްޓް 2025 ގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ގދ.އަތޮޅުގެ އަށް ރަށަކުން އަށް ޓީމު ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
މިމުބާރާތުގެ އެކްސްކުލޫސިވް ޕާޓްނަރއަކަށް މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ހަމަޖައްސާފައިވާއިރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ވަނީ މުބާރާތުގެ ކޯ-ޕާޓްނަރ އަކަށް ހަމަޖައްސާފައެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް، އާރުޑީސީ ތިނަދޫ ސިޓީ، ޕަބްލިކް ވޯކްސް ސަރވިސެސް، ތިނަދޫ ސިޓީ، ހުވަދޫ ރެކްރިއޭޝަން ، ހަވަރު ސްޕޯޓްސް، ކުލަބު ދަޑެކޮޑެއަންސް، ތިނަދޫ ސިޓީ އެފްސީ ގެ އިތުރުން އެމްޓީސީސީ ވަނީ ހަމަޖައްސާފައެެވެ.
މީގެ އިތުރުން މުބާރާތުގެ ސެކިއުރިޓީ ޕާޓްނަރަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އެވެ.ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މެޑިކަލް ޕާޓްނަރަކީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި ބެވަރެޖް ޕާޓްނަރުންގެ ގޮތުގައި ހެޕީ މާކެޓް އަދި ހަތްތެރި ކެފޭ ހަމަޖައްސާފައިވާއިރު، ރިފްރެޝްމެންޓް ޕާޓްނަރަކީ ވޮމެން އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް ތިނަދޫ )ވީޓް އެވެ. އަދި ޕްރިންޓިންގ ޕާޓްމަރަކަށް ނޯވަޓެކް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އެންޓަޓެއިނިންގ ޕާޓްނަރަކީ ރައްފުށު ބޮޑުބެރު ގުރޫޕެވެ. އަދި މުބާރާތުގެ ލައިވް ކަވަރޭޖް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

އަތޮޅު ކައުންސިލުން މަސައްކަތްކުރަނީ އެންމެނާއި ގުޅިގެން އަތޮޅުގެ ކުރިއެރުމަށް - ފައިހަތު

ގދ. އަތޮޅުގެ ބައެއް ފަޅުރަށްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް ވަޒީރު މާރިޔާ އެރަށްތަކަށް!

އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް އެދޭނަމަ، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު އޮންނަންޖެހޭނެ - ފައިހަތު
