
ބިދޭސީންނަށް މިނިމަމްވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި
# މިނިމަމް ވޭޖްimg_md_202003181148551584557335.5223
ބިދޭސީންނަށް މިނިމަމްވޭޖް (އެންމެ ކުޑަ އުޖޫރަ) ދިނުން މުއްދަތެއް ނެތް ގޮތަށް ލަސްކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލުފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ހުށަހެޅުއްވި މި ބިލު މަޖިލީހުން މިއަދު ފާސްކޮށްފައި މިވަނީ، މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ދެ ޖަމާއަތް ކަމަށްވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައި ވަނިކޮށެވެ.
ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނަށް އަމަލު ކުރަން ފެށީ 22 ސެޕްޓެމްބަރު 2020 ގައެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށި ނަމަވެސް ބިދޭސީ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގައި ވަނީ ހިމަނައިފައެވެ.
ނަމަވެސް ގާނޫނުގައި ހިމެނޭ އެބަޔަށް ބަދަލު ގެނެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ހުށަހެޅި ބިލުގައި، ވަޒީފާއާބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) އަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގައި ވަނީ، މި މާއްދާގެ (ޅ)ގައި އެހެން އޮތް ނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާއަތްކޮށް (މިނިމަންވޭޖް އެޑްވައިޒަރީ) ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މި މާއްދާގެ (ބ)ގެ ދަށުން މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ. އެހެންކަމުން ބިދޭސީންނަށް މިނިމަމް ވޭޖް ދޭނެ ތާރީހެއް ކަނޑައެޅުމުގެ ބާރު މި އިސްލާހުން ލިބިދީފައި ވަނީ މިނިސްޓަރަށެވެ.
މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކޮށްފައިވުމެވެ.
އެހެންކަމުން އެކަމަށް ރިއާޔަތްކޮށް، މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރު ކުރާ އަމުރަށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރުމަށް، ގާނޫނުގައި ލާޒިމް ކޮށްފައިވާ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަދަލު ގެނައުމާއި އެކަން ކުރާނެ ތާރީހެއް ގާނޫނުގައި ބަޔާންކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމު ވާނީ ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގައުމުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުންދޭ ލަފަޔާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅައި އާއްމު ކުރާ ތާރީހެއްގައި ކަމަށް ގާނޫނުގައި ކަނޑައެޅުން ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މަސައްކަތްތެރީންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ޖެހޭއިރު، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ބިދޭސީ މަސައްކަތްތެރީންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރުވުން ގާނޫނު ހުއްދަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގުޅުންހުރި
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލަނީ

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި

ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް
