
ބިދޭސީންނަށް މިނިމަމްވޭޖް ކަނޑައެޅުން ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް
# އަބްދުﷲ ސަނީފް# މިނިމަމް ވޭޖް# ވަޒީފާއާ ބެހޭ ޤާނޫނުSaneef
ރާއްޖޭގައި މަސައްކަތްކުރައްވާ ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ކަނޑައެޅުން ލަސްކުރާ ނަމަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހަނިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

ސަނީފް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުންނެވެ. އެ އިސްލާހުގައި ހުށަހަޅާފައިވަނީ ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސަނީފް ވިދާޅުވީ، ގާނޫނެއް ހެދި ނިމިގެން ދިޔަސް އެގާނޫގެ ދަށުން އުފެދިފައިވާ ގަވާއިދުތަކަށް އަމަލުނުކުރެވޭ ކަމަށެވެ. އެގޮތުން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް މިނިސްޓަރީން ހެދިފައިވާ ގަވާއިދެއްގައި ބުނާ ގޮތުން ރިސޯޓެއްގައި މަދުވެގެން ވަކި އަދަދަކަށް ދިވެހި މުވައްޒަފުން ތިބެން ޖެހޭ ކަމަށް ލާޒިމްކޮށްފައި އޮތަސް އެކަން ބަލާ ދިރާސާ ކުރާނެ ފަރާތެއް އަދި އެކަމަށް ހައްލު ހޯދަދޭނެ ފަރާތެއް ނެތުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.
ސަނީފް ވިދާޅުވީ، މިނިމަމްވޭޖް ގާނޫނުގެ ދަށުން ދިވެހި މަސައްކަތްތެރިންނަށް މިނިމަމްވޭޖް ލިބެމުންދާކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހާމެދު ކަންބޮޑުވުންވެސް އެބައޮތްކަމަށެވެ. ސަނީފް ވިދާޅުވީ މި ބިލް މިގޮތަށް ބައްޓަން ކުރުމަކީ ދައުލަތުގެ އާމްދަނީ އާ އެއްވެސް ގޮތަކަށް ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.
"މި ބިލް މިގޮތަށް ބައްޓަން ކުރުމަކީ (އިސްލާހު ގަނައުމަކީ) ދައުލަތުގެ އާމްދަނީއާ އެއްވެސް ގޮތަކަށް ގުޅުންހުރި ކަމެއްގޮތުގައި އަޅުގަނޑު ނުދެކެން. މީގެ ނަތީޖާއަކަށް ވާނީ ވަޒީފާގެ މާހައުލުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލިގެން ދާނެ ކަން" ސަނީފް
ސަނީފް އިތުރަށް ވިދާޅުވީ، ކޮމެޓީން މި ބިލަށް ބަދަލު ގެންނައިރު (މިނިމަމް ވޭޖް)އެޑްވައިޒަރީ ބޯޑުން ގޮތެއް ނިންމުމަށް ފަހުގައި މިނިސްޓަރ މިކަން ތަންފީޒުކުރުމާ ހަމައަށް އިންނަން ޖެހޭނެ ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން މި ބިލާ ގުޅޭ ކަންކަން ނިންމަން ޖެހޭނީ މަޖިލީހުން ކަމަށް، އަދި ގެންނަން ޖެހޭ ބަދަލުތައް ގާނޫނުން ވަކިން އެނގޭ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.