logoEN
cocacola
އެމެރިކާގެ ވަރުގަދަ އިންޒާރެއް ރަޝިޔާއަށް، ނުރައްކާތެރި ހަތިޔާރު ބޭނުން ނުކުރާތި

އެމެރިކާގެ ވަރުގަދަ އިންޒާރެއް ރަޝިޔާއަށް، ނުރައްކާތެރި ހަތިޔާރު ބޭނުން ނުކުރާތި

އައިޝަތު އިފާޝާ

logo

9/19/2022, 7:15:54 AM

# ޕުޓިން# އެމެރިކާ# ރަޝިޔާ# ޖޯއި ބައިޑަން

New Project (39)

ޔޫކްރެއިނުގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ކެމިކަލް އަދި ނިއުކްލިޔަރ ހަތިޔާރު ބޭނުން ނުކުރުމަށް ގޮވައިލައްވައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ގޮސިޔާ

ބައިޑަން މިހެން ވިދާޅުވީ "ސިކްސްޓީ މިނެޓްސް" ޕުރޮގުރާމަށް ދެއްވި ބަސްދީގަތުމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބައިޑަންއާ ސުވާލު ކޮށްފައި ވަނީ، ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ކެމިކަލް ނުވަތަ ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ޤަބޫލުކުރައްވަންތޯއެވެ. ޖަވާބުގައި ބައިޑަން ވިދާޅުވީ: "(ނުރައްކާތެރި ހަތިޔާރު ބޭނުން) ނުކުރާތި. ނުކުރާތި. ނުކުރާތި،" މިހެންނެވެ. އޭނާގެ ބަސްފުޅު އިޝާރާތް ކުރައްވާފައި ވަނީ ޕުޓިންއަށެވެ. މިއީ، އޭނާ ޕުޓިންއަށް ދެއްވި އިންޒާރެކެވެ.

"ޕުޓިން އެ ފަދަ ހަތިޔާރެއް ބޭނުންކޮށްފި ނަމަ، މުޅި ހަނގުރާމައިގެ މަސްރަޙު ބަދަލުވެގެން ދާނެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއިން ފެނިފައި ނުވާ ފަދަ މަންޒަރުތަކެއް އަސްލަކަށް، ހަޤީޤަތަކަށް ވެގެން ދާނެ. ރަޝިޔާ އިތުރަށް ބާކީވެގެން ދާނެ،" ބައިޑަން ވިދާޅުވިއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައެވެ. ހަނގުރާމައިގެ ކުރީކޮޅު ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތައް ރަޝިޔާ ސިފައިން ހިފިއެވެ. ނަމަވެސް، ޔޫކްރެއިނުގެ ފައުޖުތަކުން މިހާރު ދަނީ އެ ސަރަޙައްދުތައް މިނިވަން ކުރަމުންނެވެ.

މި މަހުގެ ތެރޭގައި 9,000 ކިލޯމީޓަރުގެ ސަރަޙައްދެއް މިހާރު ވެސް ވަނީ މިނިވަން ކޮށްފައެވެ. މި ކަމުގައި ޔޫކްރެއިނަށް އެހީތެރިވަމުން ދަނީ އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކުންނެވެ. އެ ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ބަރުހަތިޔާރުގެ ތެރޭގައި ހިމެނޭ ދުރުރާސްތާ ރޮކެޓާއި މިސައިލް ފޯރުކޮށްދިނުން ހިމެނެއެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ސަރަޙައްދުތަކުން، ގިނަ އަދަދެއްގެ ބަޔަކު ވަޅުލާފައިވާ ބޮޑެތި ވަޅުގަނޑުތަކެއް ފެނުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް ޕުޓިންއަށް ވަނީ އަމާޒުވެފައެވެ. މިފަދަ ވަޅުގަނޑުތަކެއް ފެނިފައި ވަނީ ރަޝިޔާ ސިފައިންގެ އަތްދަށުން ދާދިފަހުން މިނިވަން ކޮށްފައިވާ ރަށެއް ކަމުގައިވާ އިޒްޔުމްއިންނެވެ. އެ ތަނުން ފެނިފައިވާ ހަށިތަކުން، ޔޫކްރެއިނުގެ ރައްޔިތުންނަށް އަނިޔާކޮށް، ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަން ކަށަވަރުވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ.

މި ހަނގުރާމައާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވަނީ، ހަނގުރާމައިގެ ކަންކަން ކުރިއަށް ދަނީ އޭނާ ރާއްވަވާފައިވާ ގޮތަށް ކަމުގައެވެ. އަދި، ހަނގުރާމަ ހުއްޓައިލުމުގެ އެއްވެސް ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި، ރަޝިޔާ ސިފައިން ޔޫކްރެއިނުގެ އިތުރު ސަރަޙައްދުތައް ހިފަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ