logoEN
WAMCO TOP 1
ޤަޠަރުން ޓްރަމްޕަށް ހަދިޔާކުރި ބޮއިންގ 747-8 ޖެޓު "އެއާ ފޯސް ވަން" އަށް!

ޤަޠަރުން ޓްރަމްޕަށް ހަދިޔާކުރި ބޮއިންގ 747-8 ޖެޓު "އެއާ ފޯސް ވަން" އަށް!

އަހުމަދު ޝުރާއު

logo

6/20/2026, 8:14:06 AM

# އެމެރިކާ

-

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުފުޅުތައް ކުރެއްވުމަށްޓަކައި ޤަޠަރު ސަރުކާރުން މިދިޔަ އަހަރު އެމެރިކާއަށް ދިން ހަދިޔާއެއް ކަމަށްވާ ބޮއިންގ 747-8 ޖެޓު "އެއާ ފޯސް ވަން" ގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފި އެވެ.

THE TRAVELLER AD

އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ވަނީ ގާތްގަނޑަކަށް 400 މިލިއަން އެމެރިކާ ޑޮލަރު (300 މިލިއަން އިނގިރޭސި ޕައުންޑް) ގެ އަގުހުރި މި ލަގްޒަރީ ޖަމްބޯ ޖެޓަށް ގެންނަންޖެހޭ ބަދަލުތަކާއި އަޕްގްރޭޑްތައް ގެނެސް މުޅިން ނިންމާލާފައެވެ. ޖޮއިންޓް ބޭސް އެންޑްރޫސްގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި ބޯޓު ބަދަލުކޮށްލާފައިވަނީ މީގެ ކުރިން އެއްވެސް މީހަކު ދެކެފައިނުވާ ފަދަ މަތީ ފެންވަރުގެ އަރާމު އަދި ލަގްޒަރީ ވަސީލަތްތަކުން ފުރިގެންވާ "އުދުހޭ ވައިޓް ހައުސް" އަކަށް ކަމަށެވެ.

އެމެރިކާގެ އެއާ ފޯސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ދަތުރުކުރައްވަން ފެއްޓެވުމުގެ ކުރިން، ބޯޓަށް ގެނައި ބަދަލުތައް އެންމެ ފުރިހަމައަށް މަސައްކަތްކުރޭތޯ ބެލުމުގެ ގޮތުން "ފައިނަލް އެގްޒާމް" ނުވަތަ އެންމެ ފަހުގެ ޓެސްޓު ދަތުރުތައް މިހާރު ފަށާފައިވާ ކަމަށެވެ. މި ޖެޓަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ސަލާމަތީ ކަންކަން އެންމެ މަތީ ދަރަޖައަށް ވަރުގަދަކުރުމާއި، މިޝަން ކޮމިއުނިކޭޝަން ސިސްޓަމްތަކާއި، ލޮޖިސްޓިކްސް ސަޕޯޓުގެ އިތުރުން އެންމެ ފަހުގެ އެޑްވާންސްޑް ޓެކްނޮލޮޖީ ހަރުކުރުން ހިމެނެއެވެ.

އަދި ބޯޓަކީ ކުރިން އެހެން ބަޔަކު ގެންގުޅެފައިވާ ބޯޓަކަށް ވާތީ، އޭގެއިން ކުރިމަތިވެދާނެ ކަމަށް ބެލެވުނު އެންމެހައި ސައިބަރ އަދި ޖާސޫސީ ނުރައްކާތައް އެއްކޮށް ނައްތާލައި "ނިއުޓްރަލައިޒް" ކޮށްފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ.

މި ބޯޓުގެ އެތެރޭގެ ލަގްޒަރީ ފަރުމާއަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވި ނަމަވެސް، ބޯޓުގެ ބޭރުފުށަށް ވަނީ އެމެރިކާގެ ރަސްމީ ކުލަތައް ކަމަށްވާ ރަތް، ހުދު، ނޫ އަދި ރަންކުލައިގެ އައު ޑިޒައިނެއް ބޭނުންކޮށްފައެވެ.

ޤަޠަރުގެ ޝާހީ އާއިލާއިން މި ބޮޑު ހަދިޔާ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މިއީ އެމެރިކާގެ ރައީސުން ދަތުރުކުރެއްވުމަށް ބޭނުންކުރާ ޚާއްޞަ ފްލީޓް "އެއާ ފޯސް ވަން" ގެ ބައެއްގެ ގޮތުގައި ބޭނުންކުރުމަށް ދިން ބޯޓެކެވެ.

ނަމަވެސް، މިދިޔަ އަހަރު މި ހަދިޔާގެ ޚަބަރު ފެންމަތިވުމާއެކު އެމެރިކާގެ ސިޔާސީ މަސްރަޙުގައި ވަނީ ބޮޑު ހޫނު ބަހުސެއް އުފެދިފައެވެ. ރައީސް ޓްރަމްޕްގެ ބައެއް ސިޔާސީ ބައިވެރިންނާއި އިދިކޮޅު ފަރާތްތަކުން ވަނީ، މިފަދަ އަގުބޮޑު ހަދިޔާއެއް ބޭރު ޤައުމަކުން ޤަބޫލުކުރުމަކީ މަޞްލަޙަތު ފުށުއަރާ އަދި ޤާނޫނުއަސާސީއާ ޚިލާފު ކަމެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފައެވެ. އެމެރިކާގެ ފެޑްރަލް ޤާނޫނު ބުނާގޮތުން ސަރުކާރުގެ އޮފިޝަލުންނަށް ބޭރު ޤައުމުތަކުން ޤަބޫލުކުރެވޭނީ 480 ޑޮލަރަށްވުރެ ކުޑަ ހަދިޔާއެވެ.

އެހެންނަމަވެސް، ވައިޓް ހައުސްއިން ވަނީ ބޯޓު ހަދިޔާއެއްގެ ގޮތުގައި ހިފުން މުޅިން ޤާނޫނީ ގޮތުން ޞައްޙަ ކަމަށް ބުނެ ދިފާޢުކޮށްފައެވެ. އަދި ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން މި ބޯޓު އަމިއްލަ ބޭނުމަށް ގެންދިއުމުގެ ބަދަލުގައި، ޓްރަމްޕްގެ ރިޔާސީ ލައިބްރަރީއަށް ހަދިޔާކުރާނެ ކަމަށް ވައިޓް ހައުސްއިން ވަނީ ވައުދުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC