
-
އެމެރިކާގެ ސަދަން ކެލިފޯނިއާގެ މޮހާވީ ސަހަރާގައި ހުންނަ އެޑްވަރޑްސް އެއަރ ފޯސް ބޭހުން އުދުއްސާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާ ސިފައިން ބޭނުންކުރާ ދުރު ރާސްތާގެ ބޮންއަޅާ "ބީ-52" މަރުކާގެ މަތިންދާބޯޓެއް ވެއްޓި، އޭގެއިން ދަތުރުކުރި ހުރިހާ އެންމެން މަރުވެއްޖެކަން އަސްކަރީ އޮފިޝަލުން ކަށަވަރުކޮށްދީފި އެވެ.

ބޯއިންގ ކުންފުނިން އުފައްދާފައިވާ މި ބޮޑު އަސްކަރީ ބޯޓު ވެއްޓިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 11:20 (ޖީއެމްޓީން 19:20) އެހާކަންހާއިރު އެއަރ ބޭސްއަށެވެ.
އެޑްވަރޑްސް އެއަރ ބޭސްގެ 412 ވަނަ ޓެސްޓް ވިންގްގެ ޑެޕިއުޓީ ކޮމާންޑަރ ކާނަލް ޖޭމްސް ހޭޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، މި ހާދިސާގައި އެމެރިކާގެ އަށް ރައްޔިތުން މަރުވެފައިވާ ކަމަށެވެ. އަދި މިހާރު އަސްކަރިއްޔާއިން ދަނީ މަރުވި ފަރާތްތަކުގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އޭނާ ބުންޏެވެ.
އަސްކަރީ އޮފިޝަލުން ހާމަކުރި ގޮތުގައި، ބޯޓު ރަންވޭއިން ނައްޓާލިތާ ސިކުންތުކޮޅެއްގެ ތެރޭގައި ބިމަށް ވެއްޓި ޖެހުމާއެކު، ބޯޓުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. ކާނަލް ހޭޒް އިތުރަށް ބުނީ، ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖްތައް މިލިޓަރީގެ މާހިރުން ދިރާސާކުރުމަށްފަހު، އެ ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެމެރިކާގެ ވައިގެ ސިފައިންގެ ޚާއްޞަ ޓީމަކުން މިހާރު ދަނީ ބޮޑު ތަޙުޤީޤެއް ފަށައިގެން ކުރިއަށް ގެންދަމުންނެވެ.
"ބީ-52 ސްޓްރެޓޯފޯޓްރެސް" އަކީ 1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ ނިއުކްލިއަރ އަދި އާންމު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އެ ގައުމުގެ އަސްކަރިއްޔާގައި އެންމެ ގިނަ ދުވަސްވީ އެއް ދުރު ރާސްތާގެ ބޮންއަޅާ މަތިންދާބޯޓެވެ.
ގުޅުންހުރި

ޤަޠަރުން ޓްރަމްޕަށް ހަދިޔާކުރި ބޮއިންގ 747-8 ޖެޓު "އެއާ ފޯސް ވަން" އަށް!

އެމެރިކާގެ ބީ-52 މަރުކާގެ އަސްކަރީ ބޯޓެއް ވެއްޓި، އޭގެއިން ދަތުރުކުރި 8 މީހުން މަރުވެއްޖެ

ވެނެޒުއޭލާގެ ނުރައްކާތެރި ގޭންގް ލީޑަރު ނީނިއޯ ގުއެރޭރޯ، އެމެރިކާގެ ޙަމަލާއެއްގައި މަރާލައިފި!




