
FcbqPeUaUAACw1k
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ، ދިވެހިންނަށް ގިނަ ޚިދުމަތްތަކެއްކޮޮށް ދެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރާނީ ވެރިކަން ކުރެއްވި އިރުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖެއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ކަމަށް ފާހަނގަކޮށް ގާސިމް ވިދާޅުވީ، ރާނީގެ ޒަޢާމަތުގައި ރާއްޖެއަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ ހޮސްޕިޓަލެއް ވެސް ފުރަތަމަ ލިބިފައި ވަނީ ރާނީ ކުރެއްވި މަސައްކަތުންނެވެ. އަދި ރާއްޖެ އަށް ކްރޭން ގަނޑެއް ވެސް ދިނީ އިނގިރޭސި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ނީލް ކްރޭން ކިއާ ކްރޭނެއް، ދެން އޭގެ ފަހުން ކޯލިޝް ކްރޭން ކިއާ ކްރޭނެއް އިނގިރޭސި ސަރުކާރުން، އެކަމަނާ ދެއްވި އެއްޗެއް، އޭގެ އިތުރުން ގޯލްޑަން ރިއާ އަދި ސިލްވާ ކްރެސްޓް ވެސް ދެއްވި،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިންނަށް މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި އިނގިރޭސި ސަރުކާރުން ވަރަށް ގިނަ ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ދެއްވަމުން ގެންދެވި ކަމަށެވެ. އަދި ކޮމަންވެލްތުގައި ރާއްޖެ ހިމެނުމުގެ ސަބަބުން ވެސް ގިނަ ކަންތައްތަކެއް ވި ކަން ގާސިމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
"އެކަމަނާއަކީ ކޮމަންވެލްތުގައި އާއި ދުނިޔޭގައި އެންމެ ގިނަ ދުވަހު، ހާއްސަކޮށް އިނގިރޭސި ވިލާތުގައި އެންމެ ގިނަ ދުވަހު ރާނީގެ މަގާމުގައި ހުންނަވައިގެން ރަނިކަން ކުރެއްވި ބޭފުޅެއް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މީގެކުރިން، އިނގިރޭސިންގެ ހިމާޔަތް ނުލިބު ނަމަ، ދިވެހިންނަށް ވަރަށް ނިކަމެތިކަމާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ. އަދި ދިވެހިން އަމިއްލަ އަށް ކަންކަން ކުރެވެން ފެށުމުން ރާނީގެ ވެރިކަމުގައި ދިވެހިންނަށް މިނިވަން ކަން ވެސް ހޯދައި ދެއްވި ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.