
large_166047617356uqeL
ރާއްޖޭގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން ކިޔަވައިދޭ ނޫސްވެރިކަމުގެ ކޯހެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއެކު މިދިޔަ އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ޝަހީބު މީޑިއާއިން ހިލޭ ހިންގައިދޭ މި ކޯސް ފެށުމަށް ނިންމާފައިވަނީ އަންނަ ހަފްތާގައެވެ.
"ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 އިން ސެޕްޓެމްބަރު 6 އަށް (ރޭގަނޑު 8 އިން 10.30 އަށް) އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގަ އެވެ
މި ކޯހުގައި ބައިވެރިވުމަށް 30 ޖާގަ ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 20 ޖާގަ ހާއްސަކުރެވިފައި ވަނީ މީޑިއާތަކަށެވެ. އެ 20 ޖާގައަށް ބައިވެރިން ކަނޑައަޅާނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އަނެއް 10 ޖާގައަށް ބައިވެރިން ހޮވާނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހުއެވެ.
އާންމުކޮށް ހުޅުވާލާ 10 ޖާގައަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ވައިބަރ ނަންބަރު: 9934333 އަށް އައި.ޑީ ކާޑާއި ގޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން ވަނީ އެދިފައެވެ. އެވެ.
މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އެވެ.
މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު، އެންމެ ފުންނާބު އުސް، ނޫސްތަކުގެ އެޑިޓަރުން ފެންވަރުގެ ބޭފުޅުންނެވެ. އެބޭފުޅުންނަކީ އަދިވެސް އޮންލައިންގެ ސީ.އީ.އޯ/ އެޑިޓަރު މުހައްމަދު ޝަހީބާއި ދައުރު އޮންލައިގެ އެޑިޓަރު މޫސާ ލަތީފު އާއި މިހާރު އޮންލައިންގެ އެޑިޓަރު އިސްމާއިލް ނަސީރު އާއި އަދަދު އޮންލައިންގެ އެޑިޓަރު ހުސެއިން ފިޔާޒު މުސާއާއި މި ނޫހުގެ ސީއީއޯ އަދި އެޑިޓަރު އާދަމް ހަލީމު އާއި ވަން އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އާއި ދައުރު ނޫހުގެ މެނޭޖިންގ އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އާއި ނިއުސް އެނިލިސްޓް އިމާދު ލަތީފު ގެ އިތުރުން މޮންދު ޕްރޮޑަކްޝަންގެ ސީއީއޯ މުހައްމަދު އާސިފް އެވެ. މި ބޭފުޅުންނަކީ ނޫސްވެރިކަމުގެ ގައުމީ އިނާމާއި، ނޫސްވެރިކަމުގެ އަލިމަސްގަލަން ނުވަތަ ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
މީގެ އިތުރުން ދިވެހި ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ ފަރެސް މުހައްމަދު އާމިރު ވެސް މި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ސެޝަން ތަކެއް ނަންގަވައިދެއްވާނެ އެވެ.
ގުޅުންހުރި

ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައީސް އޮފީހަށް ފޮނުވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހެއްކާބެހޭ ގާނޫނު އިސްލާހުކުރަނީ

އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިސްރާއިލް ސިފައިންގެ ހަމަލާއަކުން ކަމަށް ބެލެވޭ - އިސްރާއިލް
