
އުދައެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވީ ހުވަދޫގެ ދަނޑުވެރިންނަށް
# އުދަ އެރުން# ހުވަދު އަތޮޅު# ދަނޑުވެރިންFiyoaree
މިހިނގާ ޖުލައި މަހު ރާއްޖޭގެ މޫސުން ގޯސްވެ ކުރި ވިއްސާރައިގައި އުދައެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވީ ދަނޑުވެރިންނަށް ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ފަހަރުގެ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށެވެ. އެގޮތުން ހަތަރު ރަށެއްގެ 110 ގޭބީސީއަކުން ބަލަހައްޓާ ދަނޑުތަކަށް ގެއްލުން ވެފައިވާ ކަމަށް އެސެސްމެންޓް ފޯމުތަކުން ދައްކައެވެ. އެއީ އެ އިދާރާއަށް ހުށައަޅާފައިވާ އެސެސްމަންޓް ފޯމުގެ 46 އިންސައްތަ ކަމަށް އެ އިދރާއިން ބުނެ އެވެ.
އެންޑީއެމްއޭ އިން ބުނީ ދަނޑު ބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ފޯމު ފޮނުވީ ގދ. ހޯނޑެއްދޫ، ގދ. ފިޔޯރީ އަދި ތ. ތިމަރަފުށިން ކަމަށެވެ. އެގޮތުން ހޯނޑެއްދޫއިން 82 ފޯމު ހުށައަޅާފައިވާއިރު ފިޔޯރީން 11 ފޯމު އަދި ތިމަރަފުށިން 61 ފޯމު ހުށައަޅާފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެ ރަށްތަކުން ދަނޑުވެރިކަމުގައި ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބު ގަސް މަރުވެގެން ރިޕޯޓުކޮށްފައިވެއެވެ.
ފޯމުތަކުގެ ތަފްސީލް
އައްޑޫ މަރަދޫ - 8 ފޯމް
އައްޑޫ މަރަދޫ ފޭދޫ - 20 ފޯމް
ށ. ބިލެއްފަހި - 2 ފޯމް
ގދ. ރަތަފަންދޫ - 8 ފޯމް
ތ. ތިމަރަފުށި 61 ފޯމް
ގދ. މަޑަވެލި - 67 ފޯމް
ހދ. ވައިކަރަދޫ - 2 ފޯމް
ގދ. ފިޔޯރީ - 11 ފޯމް
ގދ. ހޯޑެއްދޫ - 82 ފޯމް
އެ އިދާރާއިން މިއަދު ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުދައިގެ އެންމެ ބޮޑު އަސަރެއް ކުރީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށެވެ. ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައިފައިވާއިރު، މިހާތަނަށް ނުވަ ރަށަކުން 261 ޑެމޭޖް އެސެސްމެންޓް ފޯމު ހުށަހަޅާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. އެ ފޯމުތަކުގެ 46 އިންސައްތަ ފޯމަކީ ދަނޑުވެރިން ކަމަށްވާއިރު 40 އިންސައްތަ ފޯމަކީ ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް ވެގެން ހުށައަޅާފައިވާ ފޯމުތައް ކަމަށް އެ އިދާރާއިން ބުނެ އެވެ. އެގޮތުން 9 ރަށެއްގެ 96 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ވިއްސާރައާ ގުޅިގެން، ވިޔަފާރި އާއި ސަރުކާރު އިމާރާތްތަކާއި އިޖުތިމާއީ އިމާރާތް ފަދަ އެހެނިހެން ތަންތަނަށް ލިބިފައިވާ ގެއްލުންތައް އެންޑީއެމްއޭ އިން ފާހަގަކުރެއެވެ. ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން 'ޑެމޭޖް އެސެސްމެންޓް ފޯމު' ތަކުގެ މައުލޫމާތު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް، ކާރިސާތަކުގައި އިންސާނީ އެހީީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން އެހީ ދިނުމަށް އެންޑީއެމްއޭ އަންނަނީ މަސައްކަތް ކުރަމުންނެވެ.






