ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހުވަދު އަތޮޅުން ކީ ހޫނު އަދި އެހާމެ ފުރިހަމަ މަރުހަބާއެއް!
އަހުމަދު ޝުރާއު
2/26/2024, 3:27:43 PM
ސަވާދީއްތަ ދަތުރުގެ ބައިވެރިން ހުވަދު އަތޮޅުގައި
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ބައިވެރިވާ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހުވަދު އަތޮޅުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ސަވާދީއްތަ ދަތުރުގެ ބައިވެރިން ހުވަދު އަތޮޅަށް ޒިޔާރާތް ކުރީ މިދިޔަ ހަފްތާގައި އެވެ. އެގޮތުން މިއަހަރުގެ ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަން ކަމުގައިވާ ރާއްޖޭގެ އެންމެ ގަދަ އެއް ކަނޑު ކަމަށްވާ ހުވަދޫ ކަނޑޫ (1،/، ޗެނަލް) ދަތުރުގެ ބައިވެރިން ހުރަސް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެެ.
ހުވަދު އަތޮޅުގެ ފުރަތަމަ މަންޒިލަކަށް ސަވާދީއްތަ ދަތުރުގެ ބައިވެރިން ޒިޔާރަތްކުރީ ގއ ކޮލަމާފުއްޓަށެވެ.
ކޮލަމާފުށިން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވަނީ ސަޤާފީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ރަށުގެ ބަނދަރު މައްޗަށް ކުދިބޮޑު އެންމެން ސަޤާފީ ހެދުމުގައި ދިވެހިވަންތަ ލަވަތަކާއި ނެށުމުގެ ހަރަކާތްތަކާއެކު ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ސަޤާފަށް ދައްކާ ދިނުމަށް އެގްޒިބިޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އެގްޒިބިޝަންގައި ދިވެހިންގެ އެވޭލާ ޒަމާނުގައި ޢާންމުކޮށް ކޮށްއުޅުނު މަސައްކަތްތަކާއި ދިވެހިންގެ ދިރިއުޅުން ވަނީ ދައްކައިލާފައެވެ.
މި ދަތުރުގައި ބައިވެރިވާ ފަތުރުވެރިން ކޮލަމާފުއްޓަށް ދިޔުމާއި އެކު ހަނދާނީ ލިޔުމަކަށް ބޭނުންކުރާ "ސަވާދީއްތަ ޕާސްޕޯޓް"ގައި ކޮލަމާފުށި ކައުންސިލުންވަނީ ސްޓޭމްޕު ޖަހާފައެވެ.
ސަވާދީއްތައިގެ ބައިވެރިން ވަނީ ކޮލަމާފުށީގައި ކުރިއަށްދާ މުރަކަ އާލާ ކުރުމުގެ މަޝްރޫޢު ވެސް ގާތުން ބަލާލުމަށް އެމަޝްރޫއު ކުރިޔަށް ދާ ސަރަހައްދަށް ޒިޔާރާތްކޮށްފައި އެވެ.
ކޮލަމާފުއްޓަށްފަހު ސަވާދީއްތަ ދަތުރުގެ ބައިވެރިން ދެން ޒިޔާރާތްކުރީ ދަނޑުވެރިކަމަށް ހުވަދު އަތޮޅުގައި ފާހަގަކޮށްލެވޭ އެއްރަށް ކަމަށްވާ ހޯނޑެއްދޫއަށެވެ. ސަވާދީއްތަ ދަތުރުގެ ބައިވެރިން ހޯނޑެއްދޫއަށް ފޯރުމުން، ބޮޑުބެރުގެ އަޑާއި ސަގާފީ ކުޅިވަރުތަކުން ބައިވެރިންނަށް މަރުހަބާ ކިޔާފައިވެއެވެ. އަދި އެ ދަތުރުގެ ބައިވެރިންނަށް ހޯނޑެއްދޫގެ ތާރީހު ދައްކުވާދޭ ޑްރާމާއެއް ދައްކާލާފައިވެއެވެ.
އަދި ހޯނޑެއްދޫގެ ދުވަސްވީ ބިނާތަކާއި، ހިތްގައިމު ދިގެރެހާއަށް ސަވާދީއްތަ ބައިވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ދަތުރުގެ މައިގަނޑު ތީމް ކަމަށްވާ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް"އާ ގުޅޭހެން ހޯނޑެއްދޫއިންވަނީ ބައިވެރިންނަށް މަރުހަބާ ކިޔާފައެވެ.
ހޯނޑެއްދޫއަށް ބައިވެރިން ކުރި ޒިޔާރާތުގެ ތެރެއިން ރޭެގަނޑުގެ ވަގުތުގައި ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހޯޑެއްދޫއިންވަނީ، އަލިފާނުގެ ކުޅިވަރު ދައްކާލާފައެވެ.
ހުވަދު އަތޮޅަށް ދަތުރުގެ ބައިވެރިން ކުރި ދަތުރަށްފަހު މިހާރު ދަތުރުގެ ބައިވެރިން ވަނީ ދަތުރުގެ އެންމެ ފަހު މަންޒިލް ކަމަށްވާ އައްޑޫ ސިޓީގައި ބަނދަރުކޮށްފައި އެވެ. މިއަހަރުގެ ދަތުރު ނިންމާލާނީ އައްޑޫ ސިޓީގެ ގަމުންނެވެ.
މިމަހުގެ 10 ވަނަ ދުވަހު ފެށި މި ތާރީހީ ދަތުރުގައި ދިހަ ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވެއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިޔާއާއި އިނގިޜޭސިވިލާތާއި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ޢަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގެ ޔޮޓްތަކެވެ.
މިއަހަރުގެ ރެލީގެވެސް ޓައިޓަލް ސްޕޮންސަރަކީ މީގެ ކުރީ ދެ އެޑިޝަންގެވެސް ޓައިޓަލް ސްޕޮންސަރ ކަމަށްވާ އެމްޓީސީސީއެވެ. އަދި ހޯސްޓިންގ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސާފައިވާއިރު ސްޓެލްކޯ، އެސްޓީއޯ، އެމްޕީއެލް، އެމްޓީޑީސީ، މޯލްޑިވިއަން އަދި ވޮޔޭޖަސް މޯލްޑިވްސް އަކީ އިތުރު ޕާޓްނަރުންނެވެ.
މީގެ އިތުރުން ޓޫރިޒަމްގެ އިލްމީ ދިރާސާތައްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއްކަމުގައިވާ "އިންޓަނޭޝަނަލް ޓޫރިޒަމް ސްޓަޑީސް އެސޯސިއޭޝަން" ގެ ފަރާތުން ވަނީ 2024 ވަނަ އަހަރުގެ ޔޮޓްރެލީ އެންޑޯޒްކޮށްފަ އެވެ.
ސަވާދީއްތަ ދަތުރަކީ ދިވެހިރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ އިތުރުން ބައިނަލްއަގްވާމީ ސެއިލް ކޮމިޔުނިޓީ ބަލައިގަނެފައިވާ އިވެންޓެކެވެ. އަދި ހަމައެހެންމެ މި އިވެންޓަކީ ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހާއި، ސަގާފަތާއި ފަންނުވެރިކަން އަދި ކެއިންބުއިމުގެ އާދަތަކާއި، އެހާރާއި މިހާރުގެ ދިވެހިންގެ ކުޅިވަރުތައް، މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެކެވެ. ސަވާދީއްތަ ދަތުރުގެ އެންމެ ބޮޑު އެއް މަގްސަދަކީވެސް، ދިވެހިންގެ ގަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
2022 އަދި 2023 ވަނަ އަހަރު ބޭއްވުނު ސަވާދީއްތަ ދަތުރުތަކުގެ ނަތީޖާ އާއި ބައިވެރިންގެ ފަރާތުން ލިބުނު ޚިޔާލުތަކާއި މަޝްވަރާތަކުގެ އަލީގައި، 2024 ވަނަ އަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ "ސަވާދީއްތަ ދަތުރު 3" އަށް މިވަނީ ގިނަ ބަދަލުތަކެއް ގެނެވިފަ އެވެ. އަދި މިފަހަރުގެ ދަތުރަކީ، ފުރަތަމަ ފަހަރަށް އީކުއޭޓާ ހުރަސް ކުރުމާއި އަދި ރާއްޖޭގެ ބޮޑު 2 ކަނޑު ހުރަސްކުރި ރެލީއެވެ.