
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ވިކްސެން ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ ބީސީ ހަބޭސްއަށް
# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022GMG_5450
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022ގެ ސެމީ ފައިނަލުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި، ވިކްސެންގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައި، ބީސީ ހަބޭސް ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައިވެސް ބީސީ ހަބޭސް އިން ވަނީ 16 ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގައި ވިކްސެންއަށް ޖެހުނީ އެންމެ 5 ގޯލެވެ. ދެވަނަ ހާފުގައި ލީޑު ފުޅާކޮށް 33 - 22 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ ބީސީ ހަބޭސް އިންނެވެ. މި މެޗުގެ ޕްލޭޔާ އޮފް ދަ މެޗުގެ މަގާމަށް ހޮވިފައިވަނީ ބީސީ ހަބޭސްގެ ގެ ޖާޒީ ނަމްބަރު 15، ކްރިސްޓީނާ އެވެ.
ވިކްސެން ޓީމުގައި އިންޑިއާގެ ދެކުޅުންތެރިއަކާއި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެެރިންގެ އިތުރުން ފަސްޓް ޑިވިޝަންގެ ކުޅުންތެރިންވެސް ހިމެނެއެވެ. އަދި ބީސީ ހަބޭސް ޓީމުގައި ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކުޅުންތެރިންވެސް ހިމެނެއެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުން ބީސީ ހަބޭސް މޮޅުވެ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލުގައި ބީސީ ހަބޭސްއާ ވާދަ ކުރާނީ، ސެމީ ފައިނަލުގައި އައުޓްލޯޒްއާ ބައްދަލުކޮށް ކާމިޔާބު ހޯދި ފިޓް ފެމިނިން އެވެ. ފިޓް ފެމިނިން ގައި ބަންގްލަދޭޝްގެ ގައުމީ ހޭންޑްބޯލް ޓީމުގެ ދެ ކުޅުންތެރިއަކާއި ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ކުޅުންތެރިން ހިމެނެއެވެ.
ހަވަރު ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭގައެވެ.
މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.
ގުޅުންހުރި

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ޗެމްޕިއަންކަން ބީސީ ހަބޭސް އަށް

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގެ ފައިނަލް މިރޭ!

މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ވިކްސެން ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ ބީސީ ހަބޭސްއަށް
