ގާފު ކުރުވާހަކަ މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފި
ގާފު އެޑިޓޯރިއަލް
7/11/2022, 2:44:33 PM
GMG_5474
މިދިޔަ ރޯދަމަހު ގާފު އޮންލައިނުން ކުރިއަށް ގެންދިޔަ ކުރުވާހަކަ މުބާރާތުން ވަނަ ވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފިއެވެ.
ދިވެހިބަހުން ކުރުވާހަކަ ލިޔުމުގެ ރޮނގުން ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިކުރުވުމާއި ކުޅަދާނަ ވާހަކަ ލިޔުންތެރީން އުފެއްދައި، ވާހަކަ ލިއުންތެރިކަން ކުރިއެރުވުމުގެ މަގުސަދުގައި ގާފު މީޑިއާ ގްރޫޕުން ކުރިއަށް ގެންދިޔަ މި ވާހަކަ މުބާރާތުގައި 16 ވާހަކައެއް ހުށަހަޅާފައިވެއެވެ.
ގާފު ކުރުވާހަކަ މުބާރާތުގެ ފަހުރުވެރި އެއްވަނަ ހޯދާފައިވަނީ މަރިޔަމް އަންޖުމް މުހުތާބްގެ "އުފާވެރި ޗުއްޓީއެއްގެ ހިތި ނިމުން" އެވެ. އަންޖުމްގެ މި ވާހަކައަށް ޖުމްލަ 94.9 އިންސައްތަ މާކްސްވަނީ ލިބިފައެވެ. އެ ފަރާތަށް ހުށައެޅި އިނާމަކީ ޖެނުއިން އިލެކްޓްރޯނިކްސް އިން ސްޕޮންސަރ ކޮށްފައިވާ ލެޕްޓޮޕެކެވެ. އެ ލެޕްޓޮޕްގެ އަގަކީ 12،000 ދިވެހި ރުފިޔާއެވެ.
އެއްވަނަ އަށް ދިޔަ ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ ގާފު މީޑިއާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން އަޙްމަދު އެވެ.
މި މުބާރާތުގެ ދެވަނައަށް ހޮވިފައިވަނީ އައިމިނަތު ލީނާގެ "ހިތި ހަނދާންތައް" އެވެ. ލީނާގެ މިވާހަކައަށް ލިބިފައިވަނީ ޖުމްލަ 76.9 އިންސައްތަ މާކްސް އެވެ. މި ވާހަކަ ލިޔުނު ފަރާތަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މުބާރާތުން ތިން ވަނައަށް ދިޔައީ، ފާތިމަތު އުލްފާ އަބްދުﷲ ގެ "އެ ހަނދާން ފޮހެވޭތޯ ބެލިޔަސް" އެވެ. މިވާހަކައަށް ޖުމްލަ ލިބިފައިވަނީ 74.6 އިންސައްތަ މާކްސް އެވެ. މި ވާހަކަ ލިޔުނު ފަރާތަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މި މުބާރާތަށް ވާހަކަ ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗް މަހުގެ 17 އިން އޭޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ.