ކޯޓުގެ ނިންމުން އިސްތިއުނާފް ކުރަން އެމްބަރ ނިންމައިފި
އަލްފާ އަލީ
6/2/2022, 5:18:41 PM
Johnny Depp defamation case against Amber Heard continues in Fairfax, Virginia
މަޝްހޫރު ފިލްމީ ތަރި ޖޮނީ ޑެޕް އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑާއި ދެކޮޅަށް ކުރި ދައުވާ ޖޮނީއާ އެއްކޮޅަށް ނިންމާފައިވާތީ، އެމައްސަލަ އިސްތިއުނާފް ކުރުމަށް އެމްބާ ހާޑް ނިންމައިފިއެވެ.
އެމްބާ ހާޑާއި ދެކޮޅަށް ޖޮނީ ދައުވާ ކޮށްފައީ ވަނީ އޭނާ އެމްބާއަށް އަނިޔާކުރި ކަމަށް ބުނެ އެމެރިކާގެ މަޝްހޫރު ނޫސް "ވޮޝިންގްޓަން ޕޯސްޓް" ގައި އެމްބާ ޝާއިއުކުރި ލިޔުމަކާ ގުޅިގެން ނެވެ. އެ ލިޔުމާ ގުޅިގެން ޖޮނީއަށް އެތަކެއް ފިލްމުތަކެއް ގެއްލި އޭނާއަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭނާ ބުނެ އެވެ. އެހެންވެ ޖޮނީ ދައުވާ ކުރީ އަބުރާއި ބެހުމުގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ ޑެޕްގެ ނަމަށް ލިބުނު ގެއްލުމުގެ ގޮތުގައި ދިހަ މިލިއަން ޑޮލަރު އަދި އެމްބާ ޑެޕްގެ އަބުރަށް އަރައިގެންފައި ވާތީ އެކަމުގެ އަދަބެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދެއްކުމަށެވެ. އެހެންކަމުން ޑެޕް އަށް 15 މިލިއަން ޑޮލަރު ކުރީގެ އަނބިމީހާގެ އަތުން ލިބޭނެއެވެ.
އެމްބަރގެ މަންދޫބު، އަލަފެއަރ ހޯލް ހާމަކޮށްފައިވާ ގޮތުގައި އެމްބަރ ވަނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައެވެ. އަދި އެ ހުކުމުގެ ސަބަބުން އޭނާގެ "ހިތްކުދކުދި" ވެފައިވާ ކަމަށް ހޯލް ބުނެފައިވެއެވެ.
ޝަރީއަތުގައި އެމްބާގެ ފަރާތުން އޭނާގެ ދިފާއުގައި އައިސްފައި ވަނީ ފައިސާ ދީގެން ހެކިބަސް ދޭން ގެނައި އެކި ދާއިރާތަކުގެ މާހިރުންނާއި އެމްބާގެ އަންހެން ކޮއްކޮ އެނަންޏެވެ. ނަމަވެސް ޖޮނީގެ ދިފާއުގައި ދާއިރާތަކުގެ މާހިރުންގެ އިތުރުން، ފުލުހުންނާއި، ކުރީގެ ސިފައިންނާއި، ރައްޓެހިންނާއި، ކުރީގެ އަންހެނުން ވެސް ހެކިބަސް ދިނެވެ.
މި މައްސަލައިގައި ކޯޓުން އިއްވި ހުކުމާމެދު ހިތްހަމަނުޖެހި، ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އެމްބާގެ ފަރާތުން ބުނެފައިވީ ނަމަވެސް އިސްތިއުނާފު ކުރާ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.