
f1684e21-466c-4990-b0fc-9e36dbab5910
ކޮމަންވެލްތު ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން މިއަދު ފަށައިފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ.ޝާހް އަބްދުﷲ މާހިރުއެވެ. މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ފޯ ހެލްތު ސާރވިސަސް ޑރ. އަހްމަދު އަޝްރަފް އާއި އެސިސްޓަންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ ބައިވެރިވެވަޑައިގެންނަވައެވެ.
މި މަހުގެ 17 އާއި 19 ގައި ބާއްވާ މި ބައްދަލުވުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ބާއްވަމުންގެންދަނީ ވާރޗުއަލްކޮށެވެ. މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ހާއްސަ މައުޟޫއަކީ 'ދަ ރޯޑް ޓު ކޯވިޑް-19 ރިކަވަރީ - ލެސަން ލާރންޓް ފޯރ ބިލްޑިންގ ހެލްތު ސިސްޓަމް ރެސިލިއަންސް ޓު އެޑްވާންސް ޔުނިވަރސަލް ހެލްތު ކަވަރޭޖް އެންޑް ގްލޯބަލް ހެލްތު ސެކިއުރިޓީ އިން ދަ ކޮމަންވެލްތު' އެވެ.
މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސް ފަރާތްތަކާއި ދެމެދު ސިއްހަތާއިބެހޭ ގޮތުން މުހިންމު ބައިނަލް އަގުވާމީ މަޝްވަރާތައް ކުރެވެގެން ދާނެއެެވެ.
ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއިގުޅޭ ’މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް‘ އަށް މެމްބަރު ޤައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހުއެވެ.







