
ލޭ ދޭ ފަރާތްތަކަށް ހާއްސަ ވެބްސައިޓަކާއި، އެޕްލިކޭޝަނެއް ތައާރަފްކުރަނީ
# ހެލްތް މިނިސްޓްރީ# އަބްދު ﷲ ނާޒިމް އިބްރާހިމް# ރައްޔިތުންގެ މަޖިލިސްމީހަކު ލޭ ހަދިޔާކުރަނީ
ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދަފްތަރު އޮންލައިންކޮށް ބެލެހެއްޓޭނެ ހާއްސަ ވެބްސައިޓަކާއި، އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ލޭގެ ހިދުމަތާ ގުޅިގެން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މިހާރު މެނުއަލްކޮށް ބަލަހައްޓަމުން އަންނަ ލޭ ދޭ މީހުންގެ ރަޖިސްޓްރީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ މިއަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ޑޯނަރ ރެކްރޫޓްމަންޓް ޕޯޓަލް އަދި އެޕްލިކޭޝަން އާންމުންނަށް ބޭނުންކުރެވޭވަރު ކުރުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތައް ލޭގެ ބަލިތަކަށް ފަރުވާދިނުމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ލޭގެ ގައުމީ ހިދުމަތުގެ ނިޒާމް ގާއިމްކޮށް މިހާތަނަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ތެލެސީމިއާ ކުދިންނާއި އެހެނިހެން ސިއްހީ ބައެއް ބޭނުންތަކަށް ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލޭ އެޅުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ލެބޯޓަރީ ޓެކްނޮލިޖިސްޓުން ހަމަޖައްސައި ލޭ އެޅުމަށް ބޭނުންވާ ލެބޯޓަރީ ހިދުމަތްތައް 108 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުގެ ގޮތުގައި ގާއިމްކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވުމާއި ރަޖިސްޓްރީ ބެލެހެއްޓުން ވަންގަވް މެދުވެރިކޮށް މިއަހަރުގެ ޖަނަވަރީ މަހުގައިވަނީ ފަށާފަ އެވެ.






