
ނޭޝަނަލް ޑްރަގް އެޖެންސީއާއި އެމްޓީސީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
# އެންޑީއޭ# އެމްޓީސީސީ# ނޭޝަނަލް ޑްރަގް އެޖެންސީmtccnda
ނޭޝަނަލް ޑްރަގް އެޖެންސީއާއި އެމްޓީސީސީއާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.
މި އެމްއޯޔޫގެ މަޤްސަދަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމަޢުއާއި ގުޅޭ ފަރާތްތައް މުޖުތަމަޢުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަރގްރޭޝަން އެންޑް އާފްޓަރ ކެއާރ" ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ދަށުންނެވެ.
އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށެވެ. އަދި މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަޚްލާޤާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެއެވެ.
މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރެވޭ ތާރީޚުން ފެށިގެން 3 އަހަރު ދުވަހެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމަޢުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުމަކީ އެމްޓީސީސީގެ އަމާޒެއް ކަމުގައި އެކުންފުނިން ބުނެއެވެ. އެމްޓީސީސީއަކީ ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގު ރޮނގުން އިޖްތިމާޢީ ޒިންމާ އަދާކުރަމުން އަންނަ ކުންފުންޏެކެވެ.







