
ހުރާ ބަނދަރުގެ މަސައްކަތުގެ ތެރެއިން
ކ.ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިހާރު އެއްގަމު ތޮށީގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ޖުމްލަ 50 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބަންދަރުގެ ދުވާރު ހެދުމުގެ މަސައްކަތުގެ 95 އިންސައްތަ އަދި ކޮންކްރީޓް ޖެޓީ ހެދުމުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި އަންނަ އަހަރުގެ އޭޕްރިލް މަހުގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި މިހާރުގެ މަސައްކަތް ކުރިއަށްދާ ދުވެލީގައި ކުރިއަށް އޮތް 11 މަސް ދުވަސް ތެރޭގައި ބަނދަރުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފަ އެވެ.
ހައުސިންގް އެންޑް އިންފްރާސްޓަކްޗާ އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައި 27.23 މިލިޔަން ރުފިޔާއަށެވެ.
ހުރާ ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.






