
އާރަށުގެ މައްސަލައިގެ ދިފާއުގައި 18 މައްސަލައެއް
# ރައީސް ޔާމީން# ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްyameen
ކުރީ ސަރުކާރުގައި ރިސޯޓެއް ތަރައްޤީކުރުމަށް ވ އާރަށް ވިއްކާލުމަށްފަހު ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާއިން ދިފާޢުވުމަށް 18 ހެއްކެއް ހުށައަޅައިފިއެވެ.

މި މައްސަލާގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އާއި ރިޝްވަތުނެގުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ އިތުރުން، ޔާމީން ރިޝްވަތު ދެއްވިކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލާގައި ދެބޭފުޅުންވެސް ދަޢުވާއަށް އިންކާރުކުރައްވާފައިވާއިރު، މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ދިފާޢީ ހެކީގެ ގޮތުގައި 7 މީހަކާއި 11 ލިޔުމެއް ހުށައަޅާފައެވެ. އެ ހެކިތަކުގެ ތަފްސީލް ލިޔުމުން ހުށައަޅާފައިވާތީ ވަގުތު ސަލާމަތްކުރުމަށް ހެކިތަކުގެ ތަފްސީލް މިއަދު ދީފައެއް ނުވެއެވެ.
ޔޫސުފް ނަޢީމްގެ ފަރާތުން ވަނީ ދިފާއީ 13 ހެއްކެއް ހުށައަޅާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 3 މީހަކާއި 10 ލިޔުމެވެ. ދަޢުވާ ލިބޭ ދެފަރާތުންވެސް ހެކި ހުށައަޅާފައިވުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ނިންމެވުމެވެ. އެހެންނަމަވެސް އޭގެ ކުރިން ހެއްކާ ބެހޭ ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށެވެ.
ވ.އާރަށުގެ އިތުރުން ފުއްގިރި ކުއްޔަށް ދިން މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދަށުވާ އުފުލާފައެވެ. އެ ދެ މައްސަލަވެސް ކުރިއަށްގެންދަނީ ވަކިންނެވެ.