ރިޔާސީ ޓިކެޓު ހޯއްދެވީ ޔާމީން ޖަލުން ފޮނުވަމުން ދިޔަ ނޯޓުތަކުގައި އޮތް ގޮތަށް - ރައީސް
އަހުމަދު ޝުރާއު
8/30/2024, 4:48:05 PM
--
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓު ހޯއްދެވީ އޭރު އެކޯލިޝަންގެ ލީޑަރަކަށް ހުންނެވި ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވައި ފޮނުއްވަމުން ގެންދެވި ނޯޓުތަކުގައި އޮންނެވި ގޮތަކަށް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ހާމަކުރެއްވީ މިރޭ ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެވެ. އެގޮތުން ސަންގު ޓީވީގެ ނޫސްވެރިއާ ވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓީކެޓު ހޯއްދެވުމަށް ވަރަށް ކުރިން ފެށިގެން މަސައްކަތްކުރައްވަމުން ރައީސް މުއިއްޒު ގެންދެވި ކަމަށް އެކޯލިޝަންގެ ކުރީގެ ލިޑަރު ޔާމީން ކުރައްވަމުން ގެންދަވާ ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައި އެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އޭރު ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ކޯލިޝަންއިން ކުރިޔަށްދާންވީ މަގު ދައްކަވަމުން ގެންދެވީ ވަކީލުން މެދުވެރިކޮށް ފޮނުއްވާ ނޯޓުތައް މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެނޯޓުތަކުގެ ތެރެއިން ބައެއް ނޯޓުތަކުގައި ޔާމީން ސޮއިކުރައްވާ ކަމަށާއި ބައެެއް ނޯޓުތަކުގައި ޔާމީންގެ ސޮއި ނޯންނަ ކަމަށެވެ. އެހެން ނަމަވެސް އެނޯޓުތަކަކީ ރައީސް ޔާމީންގެ ވަކީލުން ގެންނަވާ ނޯޓުތައް ކަމުން ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑަރޝިޕުން ދިޔައީ ނޯޓުތަކުގައި އޮންނެވި ގޮތަށް މަސައްކަތްކުރައްވަމުން ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި ކަންކުރައްވާނެ ގޮތް ޔާމީން ފޮނުއްވީ ތިން ޕްލޭނެއްގެ ގޮތުގައި ކަމަށާއި އެއީ ޕްލޭން އޭ, ޕްލޭން ބީ އަދި ޕްލޭން ސީ ގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްލޭން އޭއާއި ބީގައި އޮންނެވީ ކޮންމެ ގޮތަކުންވެސް ޔާމީން އިންތިހާބުގައި ވާދަކުރެއްވުން ކަމަށާއި ޕްލޭން ސީ އަކީ ޕީއެންސީގެ ފަރާތުން ކެނޑިޑޭޓަކު ނެރުން ކަމަށެވެ. ޕްލޭން އޭއާއި ބީ ގައި އޮންނެވި ގޮތަށް ކަން ކުރެވިގެން ނުދިޔުމުން ޕީއެންސީއިން ކެނޑިޑޭޓަކު ނެރެން ޖެހުނު ހާލަތުގައި އެމަނިކުފާނު ރިޔާސީ ޓިކެޓު ހޯއްދެއްވުމަށް ނުކުންނެވީ ދެ ޕާޓީގެ ސެނެޓުގެ ގިނަ އަދަދެއްގެ މެމްބަރުން އެކަން ކުރެއްވުމަށް އެދިވަޑައިގަތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކަންކަން ކުރައްވަމުން ގެންދެވީ ރައީސް ޔާމީން އޭރު އަންގަވަމުން ގެންދެވި ގޮތަށް ކަމަށާއި ކޯލިޝަންގެ ލީޑަރޝިޕުންވެސް އަމަލު ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ އިރުޝާދާއި އެއްގޮިތަށް ކަމަށެވެ.