ޔާމީންގެ ޝަރީއަތް ލައިވްކުރަން ނިންމައިފި
އަލްފާ އަލީ
8/21/2024, 9:13:22 AM
-
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަލުން ކުރިއަށްގެންދާއިރު އަޑުއެހުންތައް ލައިވްކުރަން.ނިންމައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ އޭޕްރިލް 18 ވަނަ ދުވަހު ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.
އެމައްސަލައިގެ ޝަރީއަތް ފެށުމަށް މިއަދު އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ މީގެކުރިންވެސް އަޑުއެހުންތައް ލައިވްކޮށް ކުރިއަށްގެންދިޔަކަން ފާހަގަކޮށް މިފަހަރުގެ ޝަރީއަތްވެސް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމްވަނީ ދެން އަންނަ އަޑުއެހުމަކުން ފެށިގެން ޝަރީއަތް ލައިވްކުރުމަށް ނިންމަވާފައެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހު މި މައްސަލައިގައި އަޑުއެހުމެއް ދެން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.