
big_Wxl2rcl3jodR9f3VqghAmWbn4
ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލަން އަނެއްކާވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިއީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. މީގެކުރިން އައްމަޓީ ބަންދުން ދޫކޮށްލި ދެފަހަރު ވެސް އޭނާ އަލުން ބަންދުކުރީ ހައި ކޯޓުގެ އަމުރަށެވެ.
ޝަރުތުތަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލަން ނިންމި ނަމަވެސް މިއަދުގެ އަޑުއެހުމުގައި އެ ޝަރުތުތައް ގާޒީ ހާމަކޮށްފައެއް ނުވެ އެވެ.
އައްމަޓީގެ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ އޭނާ ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. ކުރިން އޭނާ ރާއްޖެނައިސް ސްރީލަންކާގައި ފިލައިގެން އުޅުނުކަން ދައުލަތުން ވަނީ ގާޒީއަށް ހަނދާންކޮށްދީފައެވެ. އެހެން ނަމަވެސް އައްމަޓީގެ ވަކީލުން ބުނީ، އޭނާ އަތުގައި މިވަގުތު ޕާސްޕޯޓެއް ނެތުމުން ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އަންމަޓީ ސްރީ ލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައިފައެވެ.






