
-
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް، ހައިކޯޓަށް ހުށަހަޅައިފި އެވެ.

ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ 42 ދަޢުވާ އެއް ދައުލަތުން އޭނާގެ މައްޗަށް ކުރި އެވެ.
އައްމަޓީގެ މައްޗަށް އެ އިން އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ދަޢުވާތައް ސާބިތުނުވާކަމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށާއި، އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިގަތުން ކަމުގައިވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް ދެކޭ ކަމަށާއި މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލައި އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކޭ ކަމަށެވެ.
ޕީޖީ އޮފީހުން މިހާރު ވަނީ މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ޕީޖީ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދީ، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއް ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި މި ދަޢުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅުމުން، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ގުޅުންހުރި

ހިޔާނާތުގެ ކުށް އައްމަޓީގެ މައްޗަށް ސާބިތުނުވުމުން މައްސަލަ އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފި

އައްމަޓީގެ މައްސަލަ އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

ސީލައިފް ޚިޔާނާތާ ގުޅިގެން އައްމަޓީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި، ޕީޖީން މައްސަލަ އިސްތިއުނާފް ކުރަނީ




