
ވެކްސިން|Vaccine
ކޮވިޑް އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ އެންމެހާ ފަރާތްތައް ބޫސްޓަރ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެ އެވެ.

އެޗް.ޕީ.އޭއިން ވަނީ ރޯދަމަހުގައި، މާލޭ ސަރަޙައްދުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ކުރިއަށް އޮތް ރޯދަމަހު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 11 އާ ހަމައަށެވެ.
އޭގެ އިތުރުން ޢުމްރާއަށް ފުރާވަޑައިގަންނަވާ ފަރާތްތަކުންވެސް ފުރުމުގެ 2 ހަފްތާ ކުރިން ކޯވިޑް-19 ގެ ބޫސްޓަރ ޑޯޒް ޖެއްސެވުން މުހިއްމުކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. އެގޮތުން ޢުމްރާއަށް ފުރާވަޑައިގަންނަވާ ފަރާތްތައް ކޯވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށްފަހު 6 މަސް ފުރިހަމަވެފައިވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީޚުގެ 2 ހަފްތާ ކުރިން ބޫސްޓަރ ޑޯޒް ޖެއްސެވުމަށް އެޗް.ޕީ.އޭއިން ވަނީ އިރުޝާދުދެއްވާފައެވެ.
އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު ވަނީ 143،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި 371،400 އަށްވުރެ ގިނަ މީހުންގެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާއިރު، 398،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.