
177670_3_754a48b1af364eac3532af1d48eea18b974c5d06_large
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭރަށް ފުރުވުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަން ވެއްޖެ އެވެ.

އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދަށް ޣައިރު ހާޒިރުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އޭނާ އިނގިރޭސި ވިލާތުގައި ހުއްޓަ އެވެ. ނަމަވެސް މިދިޔަ މަހުގެ 19 ގައި އަސްހަދު ރާއްޖެ އައިސް އަމިއްލަ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ދިޔައީ އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތައް އެނބުރި ރާއްޖެވަޑައިގެންފައި ނުވާތީ، އޭނާ ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ އަމުރުކޮށްފަ އެވެ. އަލީވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބަލަމުންދަނިކޮސް، ބޭސްފަރުވާއަށްކަމަށްބުނެ އަލީވަހީދު ބޭރަށް ފުރާވަޑައިގަތީ އަޑުބަރޭ ޖާމިނުކުރުމަށްފަހުގައެވެ. އަޑުބަރޭ އެއްބަސްވެފައި ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރާތާ ހަތަރު މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ގެންނާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ބޭއްވި އަޑުއެހުމުގައި ވަނީ 72 ގަޑިއިރުގެ ތެރޭ އަލީ ވަޙީދު ކޯޓަށް ހާޒިރުނުކުރެވިއްޖެނަމަ އޭނާ ޖާމިނުވި އަޑުބަރޭ އަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އަޅާނެ ކަމަށް އަންގާފަ އެވެ. ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އަޑުބަރޭގެ މައްޗަށް ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ.
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި އަސްހަދު މިހާރު 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރި ނަމަވެސް އަލީ ވަހީދަށް ޖާމިނުވުމުގެ އެއްބަސްވުމާ އަސްހަދު ހިލާފުވެފައި ވާތީ، އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން އެދިފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.