
އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އަލީ ވަހީދު ހައްޔަރުކުރިކަން ދިވެހި ފުލުހުންނަށް އަންގައިފި
# އަލީ ވަހީދުlarge_161148569447oUuq
އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު، އަލީ ވަހީދު ހައްޔަރުކުރިކަން ދިވެހި ފުލުހުންނަށް ރަސްމީކޮށް އަންގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކުރިކަން އިނގިރޭސި ވިލާތުގެ ފުލުހުންގެ ފަރާތުން ދިވެހި ފުލުހުންނަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
“ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މިއަދުވަނީ މައުލޫމާތު ލިބިފައި.” ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަން އުޅުއްވަނިކޮށެވެ.
އަލީ ވަހީދު މިވަގުތު އިނގިރޭސިވިލާތުގައި ހުރީ ބޭސްފަރުވާއަށް ކަމަށް ބުނެ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށްފަހު މިދިޔަ އަހަރު ދިޔަގޮތަށެވެ. އަލީ ވަހީދު ފުރީ އަނބުރާ ހަތަރުމަސް ދުވަހުގެ ތެރޭ ރާއްޖެ އައުމަށް ޝަރުތު ކުރުމަށްފަހުއެވެ. ހަތަރުމަސް ފަހަނައަޅާ ދިޔައިރުވެސް އޭނާ ރާއްޖެއައިސްފައެއްނުވެއެވެ.
އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ހުއްދަދީފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފައެވެ.
ނަމަވެސް އަލީ ވަހީދު މިވަގުތު އިނގިރޭސިވިލާތުގައި ހުރުމުގެ ސަބަބުން ހުކުމް ތަންފީޒުކުރަން ފަށާފައެއް ނުވެއެވެ. ކަރެކްޝަންސްއިން އަލީ ވަހީދުގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީއަށް ވަނީ އެދިފައެވެ.