
Gdh.thinadhoo
ދިރިއުޅުމުގެ ބޭނުން ނޫން އެެހެން ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލތަކަށް ދެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށް މިއަދު ނެރެފިއެވެ.

"ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" މިއަދުން ފެށިގެން ވަނީ އިސްލާޙްކޮށް ގެޒެޓްކޮށްފައެވެ.
މި ޤަވާއިދުގައި ބުނެފައިވަނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި ، އިޤްތިޞާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑް ހުރި މިންވަރަށް ބަލައި، ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަހައްދުގެ ބިމުގެ އަގަށް ރިޢާޔަތްކޮށް، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުން ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ބިން ދޫކުރެވޭ އެންމެ ކުޑަ އުޖޫރު ކަނޑައެޅޭނެ ކަމަށެވެ.
މި އިސްލާޙްގައިވާ ގޮތުން، ކައުންސިލް ތަކުން ކަނޑައަޅާ އެންމެ ކުޑަ ކުލީގެ އަދަދު ކޮންމެ ދެ އަހަރަކުން އަގުތައް މުރާޖައާ ކުރަން ޖެހެއެވެ.
މި ގަވާއިދަކީ ދިރިއުޅުން ނޫން ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ ގަވާއިދަކަށް ވާތީ، މީހުން ދިރިއުޅެން ދޫކުރާ ގެއާއި އެޕާޓްމަންޓްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރެއް ކައުންސިލަށް ނޯންނާނެ އެވެ.







