
ހިންގުން ހަރުދަނާކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ: އާދަމް ޝަރީފް
# އާދަމް ޝަރީފް# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް# އެލްޖީއޭ# ކައުންސިލްފޮޓޯ: އާދަމް ޝަރީފް އުމަރު
ހަގީގީ މާނާގައި ކައުންސިލުތައް ހިންގުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އިންޓަރނަލް އޮޑިޓްގެ ރަނގަޅުވުން ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސްޓެލްކޯގައި މިއަދު ފެށި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން (އައިއޭއޭ) ގުޅިގެން ކުރިއަށް ގެންދާ ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.
އެ މަނިކުފާނުގެ ވާހަކައިގައި ވަނީ ކައުންސިލުތަކުން ކުރެވޭ މަސައްކަތްތަކަކީ ހަރުދަނާ، މީހުން ބަލައިގަންނަ އަދި އިތުބާރުކުރާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި އިންޓަރނަލް އޮޑިޓަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އިންޓަރނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ސަލާމަތްވެ ރައްކާތެރިވުމަށް ޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުމެވެ.
''ޙަޤީޤީ މާނާގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓަރނަލް އޮޑިޓް ރަނގަޅުވުން'' މިނިސްޓަރ
މިނިސްޓަރ ވަނީ އެ ކޮންފަރެންސުގައި މާލިއްޔަތު ޤާނޫނު ތަންފީޒުކުރަމުން ދާއިރު ކައުންސިލްތަކުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލާ މަޝްވަރާކުރަން އެދިވަޑައިގެންފައެވެ. މިނިސްޓަރ ވިދާޅުވީ ކޮންފަރެންސް ނިމިގެން ދާއިރު ލާމަރުކަޒީ ޤާނޫނު އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.







