
ވަރުގަދަ އޭއެސްއެމްއެޗް ބަލިކޮށް ކޭޑީއެމް ފައިނަލަށް
# ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތްDSC_4135
ގދ ތިނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސްއާއި ގުޅިގެން ތިނަދޫގައި ތިބި ސަރުކާރުގެ މުވައްސަސާތަކަށާއި އޮފީސްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފަހު މެޗު ކޭޑީއެމް ކާމިޔާބުކޮށްފިއެވެ.

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ބައްދަލުކުރީ، ކޭޑީއެމް ޓީމާއި އޭއެސްއެމްއެޗް ޓީމެވެ. މި މެޗު ކޭޑީއެމް އިން ކާމިޔާބުކުރީ ޕެނެލްޓީގައި އޭއެސްއެމްއެޗް ބަލިކުރުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނެގީ ކޭޑީއެމް ޓީމުންނެވެ. ފުރަތަމަ ހާފްގެ 2ވަނަ މިނެޓުގައި ކޭޑީއެމްއަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 8، އަހުމަދު ބިލާލް އެވެ. އެ ގޯލަށްފަހު އޭއެސްއެމްއެޗުންވެސް ދިޔައީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފްގެ 15ވަނަ މިނެޓްގައި އޭއެސްއެމްއެޗް ޓީމުގެ ޖާޒީ ނަންބަރު 9، ޝިމްހާޒް ހަސަން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ގޯލަށް އަމާޒުކޮށްފައިވެއެވެ. އެހެންނަމަވެސް އިތުރު ގޯލްތަކެއް ފުރަތަމަ ހާފްގައި ކާމިޔާބުކުރެވިފައި ނުވެއެވެ.
ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގެ ކުރީ ކޮޅުގައި އޭއެސްއެމްއެޗުން ވަނީ ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގާފައެވެ. މި ގޯލް އެޓިމަށް ކާމިޔާުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 20 އަހުމަދު ޒައިދު މުޙައްމަދު ނައީމް އެވެ. އޭއެސް އެމްއެޗް މި ގޯލް ކާމިޔާުކުރިތާ މާ ގިނައިރެއް ނުވަނީސް ދެވަނަ ހާފުގެ 11ވަނަ މިނެޓުގައި ކޭޑީއެމް އިންވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި ފުރަތަމަ ގޯލްވެސް ކާމިޔާބުކުރި ކޭޑީއެމްގެ ޖާޒީ ނަންބަރު 8، އަހުމަދު ބިލާލް އެވެ. ފަހު ހާފްގެ 17ވަނަ މިނެޓުގައި އޭއެސްއެމްއެޗް ޓީމުގެ ޖާޒީ ނަންބަރު 5، މުޙައްމަދު ޝާހިދު އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މެޗު ނިމުމުގެ ކުރިން ކޭޑީއެމް އިން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފަހު ހާފްގެ 19ވަނަ މިނެޓްގައި ކޭޑީއެމްއަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 7، ނާއިފް މުޙައްމަދުއެވެ.
މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 3-3 އެވެ. އެއާއެކު ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 5 މިނެޓުގެ ދެހާފް ވަނީ ކުޅެފައެވެ.
އިތުރުވަގުތުގެ ފުރަތަމަ ހާފްގެ 3ވަނަ މިނެޓްގައި އޭއެސްއެމްއެޗްއަށް ލިބުނު ދުރު ޕެނެލްޓީއަކުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އަނެއްކާވެސް ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 20، އަހުމަދު ޒައިދު މުޙައްމަދު ނައީމް އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ފަހުމިނެޓްގައި ކޭޑީއެމްއިން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 9، ޝަޙީދު އަލީ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފް ނިމުނުއިރު ނަތީޖާ އަކީ 4-4 އެވެ.
އިތުރުވަގުތުގެ ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި ކޭޑީއެމް އިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 7 ނާއިފް މުޙައްމަދު އެވެ. އިތުރުވަގުތުގެ ދެވަނަ ހާފްގެ ދެވަނަ މިނެޓްގައި އޭއެސްއެމްއެޗްއަށް ލިބުނު ދުރުޕެނެލްޓީއަކުން އޭއެސްއެމްއެޗް ޓީމުން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 7، އަޙުމަދު ނިއުޝަމް އެވެ.
އިތުރުވަގުތުގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް ވަނީ 5-5 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު މި މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ.
ޕެނެލްޓީން މި މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން ކޭޑީއެމް ޓީމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅުކުޅުމެއް ދެއްކި ކޭޑީއެމް ޓީމުގެ ގޯލްކީޕަރު ޖާޒީ ނަންބަރު 21 އަހުމަދު ޝިޒާން އެވެ.
ކޭޑީއެމް ފައިނަލްގައި ބައްދަލުކުރާނީ، ޕަބްލިކް ވޯކްސް އާއި އެވެ. ފައިނަލް މެޗު އޮންނާނީ، ނޮވެމްބަރ 30 ވާ އަންގާރަ ދުވަހުގެ ރޭ 20:15 ގައެވެ.
ކޭޑީއެމް ސެމީ އަށް ދަތުރުކުރީ، ކުއާޓާ ފައިނަލްގައި 5-2ގެ ނަތީޖާއަކުން އަތޮޅު ކައުންސިލް ޓީމް ބަލިކުރުމަށްފަހު އެވެ. އޭއެސްއެމްއެޗް ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި 3-1 ނަތީޖާއަކުން ޕޮލިސް ޓީމު ބަލިކުރުމަށްފަހުއެވެ.
މި މުބާރާތުގައި 14 ޓީމަކުން ބައިވެރިވެފައިވާއިރު، މި މުބާރާތުގެ ގްރޫޕްސްޓޭޖް މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައި އެވެ.
ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތް ހިންގުމަށް އެވޯޑް ކުރީ ހަވަރު ސްޕޯޓްސްއަށެވެ. މި މުބާރާތް އިންތިޒާމުކޮށްގެން ބޭއްވުމަށް ބޭނުންވާ ރަށުގެ ޖަމިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެފުރުސަތުގައި މި މުބާރާތް ހިންގުމަށް އެދި ހުށަހެޅީ ހަމައެކަނި ހަވަރު ސްޕޯޓްސް އިންނެވެ. އަދި އެ ޖަމިއްޔާއަކީ ތިނަދޫގައި އެފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް ހިންގޭނެ ގާބިލްކަން ހުރި ޖަމިއްޔާއެއްކަން ފާހަގަކުރެވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.