
ވަރުގަދަ ކުރިމަތިލުމަކަށްފަހު ފެނަކަ ބަލިކޮށް ޕަބްލިކް ވޯކްސް ފައިނަލަށް
# ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތްDSC_3065
ގދ ތިނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސްއާއި ގުޅިގެން ތިނަދޫގައި ތިބި ސަރުކާރުގެ މުވައްސަސާތަކަށާއި އޮފީސްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޮފީސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ޕަބްލިކް ވޯކްސް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިރޭ ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، ޕަބްލިކް ވޯކްސްއާއި ފެނަކަ ޓީމެވެ. މި މެޗު ޕަބްލިކް ވޯކްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ވަނީ ހަމަހަމަ ކުޅުމެއް ކުޅެފައެވެ. ފުރަތަމަ ހާފް ނިމުނުއިރު ދެ ޓީމްކުރެ ޓީމަކަަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން މިނެޓެއްވެސް ނުވަނީސް ޕަބްލިކްވޯކްސްއިން ވަނީ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 6، ނިޔާޒް އަހުމަދުއެވެ. ދެވަނަ ހާފްގެ 14ވަނަ މިނެޓުގައި ޕަބްލިކްވޯކްސް އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 5، އިބްރާހިމް ސަލީމް އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފެނަކައިން ވަނީ ގޯލެއް ޖަހާފައެވެ. ފެނަކައަށް މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންމަރު 1، މިފްތާދު އަހުމަދު އެވެ. އެއީ ދެވަނަ ހާފްގައި ޕަބްލިކްވޯކްސްއިން ކުރި ފައުލް 6 އަށް އެރުމާއެކު ލިބުނު ދުރު ޕެނެލްޓީ ކާމިޔާބުކޮށްގެންނެވެ. ދެވަނަ ހާފް ނިމުމުގެ ކުރިން ފެނަކަ އަށް އިތުރު ދުރު ޕެނެލްޓީއެއް ލިބުނު ނަމަވެސް ޕަބްލިކް ވޯކްސްގެ ގޯލް ކީޕަރު ބައްސާމް ލުތުފީ ވަނީ އެ ޕެނެލްޓީ ދިފާއުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މި މެޗުގައި މޮޅުކުޅުމެއް ދެއްކި ޕަބްލިކް ވޯކްސްގެ ޖާޒީ ނަންބަރު 7، އިބްރާހިމް ހުސައިން އެވެ.
ޕަބްލިކް ވޯކްސް ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލްސްގައި އޭވްސެކޮމް ޕެނެލްޓީން ބަލިކުރުމަށްފަހުއެވެ. ސެމީ ފައިނަލްގެ ފަހުމެޗުވެސް މިރޭ ކުޅޭނެއެވެ. ފައިނަލްގައި ޕަބްލިކް ވޯކްސް ބައްދަލުކުރާ ޓީމެއް ޔަގީންވާނީ މިރޭ ކުޅޭ ސެމި ފައިނަލްގެ ފަހުމެޗުގައި އޭއެސްއެމްއެޗް އާއި ކޭޑީއެމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެކީގައެވެ.
ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު ރޭ 20:15 ގައެވެ.
މި މުބާރާތުގައި 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ގްރޫޕްސްޓޭޖް މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
މި އަހަރުގެ އޮފީސް ތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައި އެވެ.
ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތް ހިންގުމަށް އެވޯޑް ކުރީ ހަވަރު ސްޕޯޓްސްއަށެވެ. މި މުބާރާތް އިންތިޒާމުކޮށްގެން ބޭއްވުމަށް ބޭނުންވާ ރަށުގެ ޖަމިއްޔާތަކަށް އެކަމަށް އެދި ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެފުރުސަތުގައި މި މުބާރާތް ހިންގުމަށް އެދި ހުށަހެޅީ ހަމައެކަނި ހަވަރު ސްޕޯޓްސް އިންނެވެ. އަދި އެ ޖަމިއްޔާއަކީ ތިނަދޫގައި އެފަދަ ބޮޑު މުބާރާތެއް އިންތިޒާމުކޮށް ހިންގޭނެ ގާބިލްކަން ހުރި ޖަމިއްޔާއެއްކަން ފާހަގަކުރެވެއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.