
ފަސޭހަކަމާއި އެކު މޮޅުވެ، ކޭޑީއެމް އަލުން އެއްވަނައަށް!
# ފުޓްސަލް# ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތްGMG_2236
ތިނަދޫ ކައުންސިލްގެ އޮފީސް ފުޓްސަލް މުބާރާތުގައި ގުރޫޕް އޭގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި 5-1 ގެ ނަތީޖާއަކުން ޕަބްލިކް ވޯކްސް – ސްޓޭޑިއަމް ބަލިކޮށް ކޭޑީއެމް އިން ގުރޫޕް އޭގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކޭޑީއެމް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މެޗުގެ ފަސްވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ބިލާލް އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ނާއިފް ޝަފީގު އެވެ.
މިއީ ޕަބްލިކް ވޯކްސް – ސްޓޭޑިއަމް ގެ ޕެނަލްޓީ އޭރިއާ ބޭރުން ކައިރީގައި ތިބި ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު އޭގެ ދެމިނެޓު ފަހުން ކާމިޔާބުކޮށްދިނީ އަހުމަދު ބިލާލް އެވެ.
މި މެޗުގައި ޕަބްލިކް ވޯކްސް – ސްޓޭޑިއަމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ސަލީމް އެވެ. މިއީ އެޓީމުގެ ނަވާޒް އަހުމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭޑީއެމް ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ފުންނާބު ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ކޭޑީއެމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކޭޑީއެމް އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޕަބްލިކް ވޯކްސް – ސްޓޭޑިއަމް ގެ ކީއްޕަރުގެ ފަރާތުން ވަނީ ގިނަ ސޭވްތަކެއް ފެނިގެން ގޮސްފައެވެ.
ކޭޑީއެމް އިން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝިމާދު އެވެ. މިއީ އެޓީމުގެ ކެޕްޓަން ނާއިފް ޝަފީގު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކޭޑީއެމްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅުކުޅުމެއް ދެއްކި ނާއިފް ޝަފީގު އެވެ. މިއީ ޕަބްލިކް ވޯކްސް – ސްޓޭޑިއަމް ގެ ހާފުތެރެއިން ލިބުނު ފުރުސަތުގައި ކީއްޕަރު ކައިރިން ނައްޓާލުމަށް މުޅިން ހުސްކޮށް ހުރެ ވަރަށް ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ކޭޑީއެމް ކުރީގައި އޮވެގެންނެވެ.
މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޭޑީއެމް ޓީމުގެ ކެޕްޓަން ނާއިފް ޝަފީގު އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން 07 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ކޭޑީއެމް ވަނީ ގުރޫޕް އޭގެ އެއްވަނައަށް ޖެހިލައިފައެވެ. ގުރޫޕް އޭ ދެވަނަގައި އޮތް އެމްއެންޑީއެފްއަށް ވެސް ތިން މެޗު ކުޅެގެން 07 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް އޮތީ ފައިދާ 06 ގޯލެވެ. ނަމަވެސް ކޭޑީއެމް އަށް ފައިދާ 07 ގޯލު އެބައޮތެވެ.
މިގުރޫޕްގެ ތިންވަނައިގައި އޮތީ ދެ ކުޅެގެން ދެ ޕޮއިންޓް ލިބިފައިވާއިރު ޕޮލިސް ޓީމެވެ. އެޓީމަށް ބާކީ ދެމެޗު އޮތްއިރު، މި ގުރޫޕްގެ ފަހު މެޗުގައި ކޭޑީއެމް ނުކުންނާނީ އެމްއެންޑީއެފް އާއި ދެކޮޅަށެވެ.
ގުޅުންހުރި

ލެވަންޑޮސްކީގެ ދެލަނޑާއެކު ފަހަތުން އަރައި ބާސެލޯނާއިން ވެލެންސިއާ ބަލިކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހު 31 ގެ ނިޔަލަށް

ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު އޮރިކްސް ބަލިކޮށް ރެޑްހޯކްސް ތަށި ދިފާއުކޮށްފި
