
ހިންމަފުށީ ކުޑަކުދިންގެ ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށިގެންވާ ތަނެއް ނޫން: އެޗްއާރުސީއެމް
# އައްސޭރި ޖަލު# ކ. ހިންމަފުށި# ކުޑަކުދިންގެ ޖަލު# ކަރެކްޝަންސް# އެޗްއާރުސީއެމްbig_XCHEL1W0GwMa1U3
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކަނޑައަޅައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނުން ތަޙްޤީޤު ކުރަމުންދިޔަ މައްސަލައަކާ ގުޅިގެން ބެލި ބެލުމުން ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫންކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޤާނޫނުތަކާއި ފުށުއަރާ ކަންތައްތަކެއް ހުރި ޖަލެއްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
އެކޮމިޝަނުން ބުނީ، އެކޮމިޝަނުން 2020ވަނަ އަހަރުގެ ނޮވެމްބަރުމަހު ހިންމަފުށީ އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި އައްސޭރި ޖަލުގައި ބިނާކުރަމުންދާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް، 3 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވީ ނަމަވެސް، މިއަހަރު ސެޕްޓެމްބަރު މަހު ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތް ކުރިއިރުވެސް އަލަށް ބިނާކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާތީ، މިމަހުގެ 14ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް ބަދަލުކުރުމަށާއި، އެތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން އައްސޭރި ޖަލުގައި ޤާއިމްކޮށްފައިވާ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް އެޗްއާރުސީއެމްއިން ވަނީ ކަރެކްޝަނަށް އަންގަވާފައެވެ.
މި އެންގުމުގައި، ކ.ހިންމަފުނީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޕްލޭނެއް މިމަހުގެ 24ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށްވެސް، އެޗްއާރުސީއެމުން ވަނީ ކަރެކްޝަނަށް އަންގާފައެވެ.
މިބަޔާނާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ އެޗްއާރުސީއެމްއިން ވިދާޅުވި މުއްދަތުގެ ތެރޭގައި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ގުޅުންހުރި

އައްސޭރި ޖަލުގެ ޤައިދީންނާއި އޮފިސަރުންނަށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް ހިންގައިފި

އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ރަމީލާ އައްޔަންކުރައްވައިފި





