
އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުން ބާއްވައި، އިންތިޤާލީ މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށްފި
# ސިޔާސީ# އެމްއެންޕީFBMVu5bVUAIrITi
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ބައްދަލުވުން ބާއްވައި، އެޕާޓީގެ އިންްތިޤާލީ މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށްފިއެވެ.

އިއްޔެ ބޭއްވި އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުމުގައި ޕާޓީގެ އިންތިޤާލީ ރައީސަކަށް ޕާޓީގެ މުއައްސަސިސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އިންތިޚާބަކާއި ނުލައި ވަނީ ހޮވިފައެވެ.
އެމްއެންޕީގައި 6 ނާއިބު ރައީސުން ތިއްބަވާއިރު ވަދާކުރާނެ އިތުރު މީހަކު ނެތިގެން، އިންތިޚާބަކާ ނުލައި ހަތަރު ނާއިބު ރައީސުން ވަނީ ހޮވިފައެވެ. އެއީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލާއި، މެދު ރީޖަންގެ ނާއިބު ރައީސަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި، މެދު ދެކެނު ރީޖަންގެ ނާއިބު ރައީސަކަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ދެކުނު ރީޖަނަށް ސައިރިކްސްގެ ޗެއާމަން އަހުމަދު ޝަރީފެވެ. ނާއިބް ރައީސް ކަމަށް އިންތިޚާބުވި ދެބޭފުޅުންނަކީ ޝިދާތާ ޝަރީފްއާއި، މިރުފަތު އިސްމާއީލް ޝަފީޤުއެވެ.
އަންހެނުންގެ ގޮފީގެ ރައީސްކަމަށް އިންތިޚާބު ވެފައިވަނީ ދުންޔާ މައުމޫންއެވެ. މީގެ އިތުރުން އެޕާޓީގެ އިންތިޤާލީ އެކި މަޤާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.
އެމްއެންޕީ އުފެއްދުމަށް ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ދިދައާއި ލޯގޯއާއި ކުލައާއި، ވަގުތީ އަސާސީ ގަވާއިދުވެސް ވަނީ ފާސްކޮށްފައެވެ.
އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް އިތުރުކުރުން ކަމުގައި އެޕާޓީން ބުނެއެވެ.