
--
ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަނާޅާ އޮތް ތިން ސިޔާސީ ޕާޓީ އިލެކްޝަން ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.

އީސީން ބުނީ ޖޫރިމާނާ ކުރަން ނިންމާފައިވަނީ ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީއާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ކަމަށެވެ.
އީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތިން ޕާޓީ ވެސް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ތެރޭ ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށް ފަހު، އީސީ އަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހެ އެވެ. އެފަދައިން ހުށަނާޅައިފި ނަމަ އެޕާޓީއެއް ވިހި ހާސް ރުފިޔާއާއި ބައިލައްކަ ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އީސީއަށް ގާނޫނުން ލިބެއެވެ.