
FxEudq9aYAAx8oe
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްއެންޕީން މިއަދު ބުނީ، "އުޖާލާ ޒަމާން" މެނިފެސްޓޯ އިފްތިތާހުކުރުމަށް ބާއްވާ ޖަލްސާ މިރޭ 21:00 ގައި ހ. މީރުމާ ފުރަތަމަ ފަންގިފިލާގެ ކާނިމާ މާލަމުގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ ރާއްޖެ ޓީވީ އާއި ޔެސްޓީވީ މެދުވެރިކޮށް ލައިވް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.
"އުޖާލާ ޒަމާން" އަކީ އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕޭނުގެ ރަސްމީ ސްލޯގަން އެވެ.
އެމްއެންޕީން ބުނީ މި މެނިފެސްޓޯއަކީ އެމްއެންޕީގެ ވެރިކަމެއްގައި ޒަމާނާ ގުޅޭ، ފުދުންތެރި ދިވެއްސަކަށް އަމާޒުކޮށް، ރައްޔިތުންނަށް އުޖާލާ ޒަމާނެއް ކަށަވަރުކޮށްދިނުމަށް އުކުލަވާލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. އަދި މި މެނިފެސްޓޯ އެކުލަވާލާފައި ވަނީ އެމްއެންޕީގެ ޓީމްތަކުން ރަށްތަކަށް ދަތުރުކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހުގައި ކަަމަށްވެސް އެމްއެންޕީން ބުންޏެވެ.