
މިނިސްޓަރ ރަމީލާގެ އަރިހުގައި ހުސެއިން
މޯލްޑިވްސް ނެޝަނަލް ޕާޓީ, އެމްއެންޕީގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރެއްވި ބޭފުޅަކު މަގާމުން ވަކިކުރައްވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ މިނިސްޓަރީ އޮފް އެގްރިކަލްޗަރު އެންޑު އެނިމަލް ވެލްފެއާގެ ސްޓޭޓު މިނިސްޓަރު ކަމުގައި ހުންނެވި ހުސެއިން އިސްމާއިލް އެވެ.
ހުސެއިން އިސްމާއިލް އަކީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސްއެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ސްޓޭޓް މިނިސްޓަރ ކަމުން ހުސެއިން އިސްމާއިލް ވަކިކުރެއްވިކަން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލުވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް ވަކި ކުރެއްވި ސަަބަބެއް ހަލީލް ހާމަނުކުރައްވައެވެ.
ހުސައިން މަގާމުން ވަކިކުރި އިރު، އެގްރިކަލްޗަ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ދާދި ފަހުން ކެންސަރަށް ފަރުވާ ހޯއްދަވަން ރާއްޖެ އިން ބޭރަށް ވަޑައިގެން އުޅުއްވި އިރު، މިނިސްޓްރީ ހިންގެވުމުގައި އިސްމާއީލް އިސް ދައުރެއް އަދާކުރެއްވި އެވެ.
އެމްއެންޕީއަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕްރޮގްރެސިވް ކޯލިޝަނާއި ގުޅުނު ޕާޓީއެކެވެ.